25 Nov 2017, 09:01
ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ގެންގުޅުއްވި ސިޔާސަތު އެއްފަރާތްކޮށް، އެގައުމު އަލުން ދުނިޔެއަށް ހުޅުވާލާނެކަމަށް އަލަށް ރައީސްކަމާ ހަވާލުވެވެޑައިގެންނެވި އެމާސަން މުނަންގަގުވާ ވިދާޅުވެއްޖެއެވެ.
އެމާސަން ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ހިޠާބުގައި ވަނީ ޒިމްބާބުވޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށްޓަކައި އެގައުމު އިންވެސްޓަރުންނަށް ހުޅުވާލާނެކަމުގެ ޔަގީންކަން ދެއްވައިފައެެވެ.
މުގާބޭ ކުރިން ވެރިކަން ކުރެއްވި ދުވަސްވަރު ޒިމްބާބުވޭއާ ދުނިޔޭގެ ގިނަ ގައުމުތަކާ އޮތީ ވަރަށް ބޮޑަށް ގުޅުންކެނޑިފައެވެ. އަދި އެގައުމާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ގައުމުގެ އިގްތިސާދު އޮތީ ފުނޑުފުނޑުވެފައެވެ.
އެމާސަން ވަނީ މުގާބޭ ޒިމްބާބުވޭއަށް ކޮށްދެއްވައިފައިވާ ހިދުމަތްތަައް ފާހަގަކޮށް ޝުކުރުއަދާކުރައްވައިފައެވެ.
އެމާސަންގެ ހިޠާބުގައި ވިދާޅުވީ ކުރިންވެސް ހަމަޖެހިފައިވާގޮތަށް 2018 އިގެ އިންތިހާބު ކުރިއަށް ދާނެ ކަމަށެވެ. އަދި ގައުމުގައި ގިނަ ވަޒީފާތައް އުފައްދަވާނެ ކަމަގެ ޔަގީންކަން ވެސް ވަނީ ދެއްވައިފައެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމާސަން ހުންނެވީ ނާއިބު ރައީސް ކަމުގެ މަގާމުގައެވެ. ނަމަވެސް މުގާބޭ އެމަނިކުފާނުގެ އަންހެނުންނަށް ނާއިބު ރައީސްކަމުގެ މަގާމު ދިނުމަށްޓަކައި އެމާސަން ވަނީ މަގާމުން ދުރުކޮށްފައެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާއިން މުގާބޭ ވެރިކަމުން ދުރުކުރުމަށްޓަކައި ދާދި ފަހުން ވަނީ ބަޣާވަތެއް ކޮށްފައެވެ.