24 Nov 2017, 23:44
މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާޖު ކުރި މައްސަލަ ނުބެލުމުން އެ ކައުންސިލާ ދެކޮޅަށް، އެ ކައުންސިލްގެ މެމްބަރު އައްސަދު ޝަރީފް ދައުވާކޮށްފިއެވެ.
އައްސަދު މިރޭ "ސަން" އަށް ވިދާޅުވީ މީޑިއާ ކައުންސިލްގެ އިހްތިސޯސް ތެރޭގައި އޮތް ތަނެއްގެ ތެރެއަށް އެހެން ބަޔަކު ވަދެގެން އިހްތިޖާޖު ކުރުމަކީ އެ ކައުންސިލުން ބަލަންޖެހޭ މައްސަލައެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
ގާނޫނު ތަންފީޒު ކުރާ މުއައްސަސާއެއްގެ އިހްތިސޯސް ލިބިފައިވާ ތަނެއްގެ ތެރެއަށް ވަދެ އިހްތިޖާޖު ކުރި މައްސަލަ ނުބަލަން ނިންމީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ މައްސަލައެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އެ މައްސަލަ ކޯޓަށް ހުށަހެޅީ. ރާއްޖެ ޓީވީއާ މެދު އެއްވެސް ޒާތީ ކަމެއް އޮވެގެނެއް ނޫން،" އައްސަދު ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ އޭނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ބައެއް މީހުން އޭނާ ވައިބާ ގްރޫޕަކަށް ވައްދައި ބިރުދައްކަމުން އަންނަ ކަމަށާއި ނަމަވެސް އޭނާ ބިރެއް ނުގަންނަ ކަމަށެވެ.
"ވައިބާ ގްރޫޕުތައް ހަދައިގެން އަޅުގަނޑު ވައްދައިގެން އަޅުގަނޑަށް ބިރުދައްކަމުން އެބަދޭ. އަޅުގަނޑު ބިރެއް ނުގަންނާނެ. ބިރެއް ނުގަނޭ. އެއްގޮތަކަށް ވެސް ބިރެއް ނުގަނޭ،" އައްސަދު ވިދާޅުވިއެވެ.
އެ މައްސަލައަކީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށްވާތީ އިތުރަށް އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރު ހުޝާމް މުހައްމަދު ވިދާޅުވީ އައްސަދު ދައުވާކުރީ ސީދާ ރާއްޖެ ޓީވީއާ ދެކޮޅަށް ނޫން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރަށް އޭނާ ވާހަކަ ނުދެއްކެވިއެވެ.