ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދޫ އަތުން ޕޮއިންޓެއް ހޯދައި، ކުޑަފަރީން ކުއާޓާ ފައިނަލުގެ އުންމީދު އާކޮށްފި އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު މަނަދުއާއި ކުޑަފަރީ ބައްދަލުކުރި ގްރޫޕު ދޭއްގެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދުއާއި ކުޑަފަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ކުޑަފަރީންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ކުޑަފަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖުނައިދެވެ. މެޗުގެ 67 ވަނަ މިނެޓުގައި މަނަދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ނާއިފެވެ.

ގްރޫޕު ދޭއްގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ގްރޫޕުގެ އެއް ވަނައިގައި އޮތް ހެނބަދުއަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ދެ ވަނައިގައި އޮތް މަނަދުއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ކުޑަފަރީއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް މަގޫދުއަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. މިހާތަނަށް މި ގްރޫޕުން ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައިވާ ހަމައެކަނި ޓީމަކީ ހެނބަދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދުއާއި ކުޑަފަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

  • ގްރޫޕް އެކެއް:ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.

  • ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
  • ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.