06 Aug 2011, 21:00
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.
މޮރިޝަސްއާއެކު ބުރާސްފަތި ދުވަހު ކުޅުނު މެޗު 1-1 އިން އެއްވަރުވެފައި ވަނިކޮށް މިރޭ ރާއްޖެ ކުޅުނު މެޗު 2-2 އިން އެއްވަރުވީ ދެ ފަހަރު ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ކޮމޯރޯސް ޖެހި ލަނޑުތަކުންނެވެ.
ދިހަ ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި އަހުމަދު ތޯރިގް )ޓޮމް( އެވެ. ދެ ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ކެޕްޓަން އަލީ އަޝްފާގް )ދަގަނޑޭ( ހޯދައިދިން ޕެނަލްޓީ އަކުން އިބްރާހީމް ފަޒީލް )އޮއްޕޮ( އެވެ.
މި ނަތީޖާ އަކީ މޮރިޝަސްގައި 1985 ވަނަ އަހަރު ބޭއްވި އިންޑިއަން އައިލެންޑް ގޭމްސްގައި މި ދެ ޓީމު ބައްދަލުކޮށްގެން ނުކުތް ނަތީޖާ އެވެ. ރާއްޖެ އާއި ކޮމޯރޯސް އެންމެ ފުރަތަމަ ބައްދަލުކުރީ 1979 ވަނަ އަހަރު ސީޝެލްސްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ކުޅުނު މެޗުން 2-1 އިން ރާއްޖެ ބަލިވި ނަމަވެސް އަބުދުﷲ ރަޝީދު )ޖޫލޭ( ކޮމޯރޯސް ކޮޅަށް ޖެހި ލަނޑަކީ ދިވެހި ގައުމީ ޓީމުގެ ފުރަތަމަ ލަނޑެވެ.
މުބާރާތް ބާއްވާ ގައުމު ޝީސެލްސްއާއެކު ޖުމުލަ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިރޭ ރާއްޖެ އެއްވަރުވުމުން ސެމީ ފައިނަލަށް ދިއުމަށް ގްރޫޕުގެ ފަހު މެޗުގައި ސީޝެލްސް ބަލިކުރަން ޖެހޭނެ އެވެ. މި މެޗު ކުޅެނީ އަންނަ އަންގާރަ ދުވަހު ރެ ނުވައެއްޖަހާއިރު އެވެ.
ޕޮއިންޓް ތާވަލް:
ސީޝެލްސް: 4 ޕޮއިންޓް
ދިވެހިރާއްޖެ: 2 ޕޮއިންޓް
ކޮމޯރޯސް: 2 ޕޮއިންޓް
މޮރިޝަސް: 1 ޕޮއިންޓް