ލޯބިވެރިޔާ މަރާލި މައްސަލައިގައި ޖަލަށް ލައިފައިވާ ދެކުނު އެފްރިކާގެ އޮލިމްޕިކް އެތްލީޓް އޮސްކާ ޕިސްޓޯރިއަސްގެ ޖަލުގެ ހުކުމް ކޯޓުން ދެގުނަ ބޮޑުކޮށްފިއެވެ. މިއަދު އިއްވި ހުކުމާއެކު އޮސްކާއަށް ވަނީ 13 އަހަރާ ފަސް މަސްދުވަހުގެ ޖަލުގެ ހުކުމެއް އައިސްފައެވެ.

ދެކުނު އެފްރިކާގެ ޕްރޮސިކިއުޓަރުން ވިދާޅުވިގޮތުގައި އޮސްކާއަށް އިއްވާއިފައިވަނީ މާ ކުޑަ ހުކުމެކެވެ. މީގެ ކުރިން އޮސްކާއަށް އިއްވައިފައިވަނީ ހަ އަހަރުގެ ޖަލުގެ ހުކުމެކެެވެ.

އޮސްކާ އެންމެ ކުރިންވެސް ތަކުރާރުކޮށް ބުނަމުންއައީ އޭނާގެ ލޯބިވެރިޔާ ރީވާ ސްޓީވްކޭމްޕް މަރާލައިފައިވަނީ އޮޅިގެން ވަަގެއް ކަމަށް ހީކޮށްގެން ކަމަށެވެ. އޮސްކާ އޭނާ ލޯބިވެރިޔާ މަރާލައިފައިވަނި ފާޚާނާގައި އުޅެނިކޮށެވެ.

ނަމަވެސް ކޯޓުގައި އޮސްކާއަށް އޭނާގެ ލޯބިވެރިޔާ މަރާލީ އޮޅިގެން ކަމަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ރީވާގެ ވަކީލް ތާނިއާ ކޮއެން ވަނީ ކޯޓުގެ އެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ތާނިއާ ވިދާޅުވީީ ކޯޓުގެ އެ ނިންމުމުގެ ސަބަބުން ރީވާގެ މައިންބަފައިންނަށް ހިތްހަމަޖެހުން ލިބިފައިވާ ކަމަށެެވެ.

"ރީވާގެ މައިންބަފައިން މިހާރު ގަބޫލުކުރޭ ރީވާއަށް އިންސާފުލިބިފައިވާ ކަމަށް. މިހާރު އެމީހުންނަށް ހިތްހަމަޖެހުން ލިބިއްޖެ،" ތާނިއާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އޮސްކާއަށް މާ ކުޑަ ހުކުމެއް އައިސްފައިވާތީވެ ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް ކޯޓުން ކުރިން ބުނީ އޮސްކާއަށް ހުކުމް އިއްވައިފައިވަނީ އެފަދަ ހާލަތެއްގައި ކަން ހިނގާނެކަމަށް ބަލައި އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.