އިރާނުގެ ރޫހީ ލީޑަރު އަޔާތުﷲ ޙާމަނާއީ އަކީ އާ ހިޓްލަރުކަމަށް ސައުދީގެ ވަލީއަހުދު މުހައްމަދު ސަލްމާން ބިން އަލް ސައުދު ވިދާޅުވެއްޖެއެވެ.

ހިޓްލަރުގެ އަނިޔާވެރިކަމަށް އިޝާރާތްކުރައްވައި މުހައްމަދު ވިދާޅުވީ އެފަދަ ދެވަނަ ހިޓްލަރެއްގެ އަނިޔާވެރިކަން މެދުއިރުމަތީގައި ތަކުރާރުވުން ކޮންމެހެންވެސް ހުއްޓުވަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ދޫދިނުމުން މައްސަލަ ހައްލު ނުވާނެކަން ހިޓްލަރުގެ އަމަލުތަކުން ސާބިތުވެފައިވާ ކަމަށެވެ.

މުހައްމަދު އެހެން ވިދާޅުވީ ސައުދީއާ އިރާނުގެ މަޝްރަހު މިއިން ޒަމާނަކުވެސް ގޯސް ނުވާވަރަށް ގޯސްވެފައި ވަނިކޮށެވެ.

ދާދި ފަހުން ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީގެ ވެރިރަށް ރިޔާޟަށް ފޮނުވާލި މިސައިލް ހަމަލާގެ ފަހަތުގައި ވަނީ އިރާނުކަމަށް ސައުދީން ވަނީ ބުނެފައެވެ. އަދި އެއީ ސައުދީއާ ދެކޮޅަށް ހަނގުރާމާ އިއުލާން ކުރުން ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފައެވެ.

ދާދި ފަހުން ލުބްނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ ވަނީ އިރާނުން އެގައުމަށް މާބޮޑަށް ނުފޫޒް ފޯރުވާކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އިރާނުން ތުހުމަތު ކުރާގޮތުގައި ސާދް އިސްތިއުފާ ދެއްވީ ސައުދީން އޭނާއަށް މަޖުބޫރުކޮށްގެންނެވެ.

ސާދް މިހާރު ވަނީ އެނބުރި ލުބްނާނަށް ވަޑައިގެން އިސްތިއުފާ ދެއްވުން މަޑުޖައްސައިލައިފައެވެ.

އިރާނުގެ ލީޑަރަކީ ހިޓްލަރު ކަމަށް މުހައްމަދު ސިފަކުރެއްވިއިރު އިސްރާއިލުންވެސް ތަކުރާރުކޮށް ބުނަމުންދަނީ ހިޓްލަރެކޭ އެއްފަދައިން އިރާނުން ވެސް ބޭނުންވަނީ އިސްރާއިލު ދުނިޔެއިން ފޮހެލަން ކަމަށެވެ.

ދާދި ފަހުން އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސައުދީއާ އިސްރާއީލާ މިއިން ޒަމާނަކުވެސް ގުޅުން ބަދަހި ނުވާވަރަށް މިހާރު ގުޅުން ބަދަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ.