ފިލިޕިންސްގެ ބޮރެކޭގައި ކުރިއަށްދިޔަ 6 ވަނަ ބޮރެކޭ ބީޗް ވޮލީ ޓުއާގެ މުހިންމު ވަނަތަކެއް ރާއްޖޭގެ ވެޓަރަންސް ވޮލީބޯލް ޓީމުތަކުން ހޯދައިފިއެވެ.

މިދިޔަ ހަފްތާތެރޭގައި ކުޅުނު އެމުބާރަތުގައި ރާއްޖެ ތަމްސީލް ކޮށްފައިވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް އެސޯސިއޭޝަންގެ ޓީމް ތަކުންނެވެ.

އެ މުބާރަތުގައި ދިވެހި ޓީމްތައް ވާދަކޮށްފައިވަނީ ތިން ކެޓަގަރީއަކުންނެވެ. އެ ގޮތުން ދިވެހި ޓީމްތައް މިފަހަރު ވާދަކޮށްފައިވަނީ ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ކުއާޓްރޯގައެވެ.

މި ތިން ބަޔަށް ބަލާއިރު ދިވެހި އަންހެން ޑަބަލްސް ޓީމުން ވަނީ މުބާރާތުގެ ތިންވަނަ ހޯދައިފައެވެ. ވަރުގަދަ ޓީމްތައް ވާދަކުރި އެ ކެޓަގަރީގެ ތިންވަނަ ދިވެހި ޓީމުން ހޯދީ ވާދަވެރި ކުޅުމަކަށް ފަހުއެވެ. އެ މުބާރަތުގައި ދިވެހި އަންހެން ޓީމް ތަމްސީލް ކޮށްފައިވަނީ ނިމިގެންދިޔަ ގައުމީ ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަން ހައްވާ ރާޝިދާ އަދި ޒީނިޔާ މޫސާއެވެ.

ފިރިހެން ޑަބަލްސްގެ ކެޓަގަރީ ބީ އިން ދިވެހި ދެ ކުޅުންތެރިންކަމަށްވާ އިބްރާހިމް އާދިލް އަދި އިބްރާހިމް ފަލާހް ވަނީ އެއްވަނަ ހޯދައިފައެވެ. ފިރިހެން ކެޓަގަރީގައި ޖުމުލަ 5 ޓީމެއް ވަނީ ވާދަކޮށްފައެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ފަހުރުވެރި ކާމިޔާބީ އެއް ހޯދާފައިވަނީ މިކްސްޑް ކުއާޓްރޯ ބައިންނެވެ. އެ ބައިން ދިވެހި ޓީމްވަނީ ރަން މެޑަލް ހޯދާފައެވެ. ޗެމްޕިއަން ކަން ހޯދި ޓީމްގައި ހިމެނެނީ ޒީނިޔާ މޫސާ، އިބްރާހިމް އާދިލް، އިބްރާހިމް ފަލާހު އަދި ފަތުހުﷲ ވަހީދުއެވެ.

މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް އެސޯސިއޭޝަންގެ ފައުންޑަރ މުޙަންމަދު އަނީސް (ތަރި) ވިދާޅުވީ މިފަހަރު ލިބުނު ކާމިޔާބީއާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މި މުބާރަތުން ފެނިގެން ދިޔައީ ރަނގަޅަށް ވާދަކުރެވިއްޖެ ނަމަ ބައިނަލްއަގުވާމީ ވޮލީ މުބާރާތްތަކުންވެސް މުހިންމު ކާމިޔާބީތައް ހޯދޭނެ ކަންކަމަށެވެ.

އަނީސް ވިދާޅުވީ، ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވަން މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް އެސޯސިއޭޝަނުން ކުރިއަށް އޮތްތާނގައިވެސް މަސައްކަތް ކުރާނޭ ކަމަށާއި، އަދި ވެޓަރަންސް ޓީމުތަކަށްވެސް އިތުރު ފުރުސަތުތައް ތަނަވަސްކުރުމަށް އެ އެސޯސިއޭޝަނުން އަބަދުވެސް މަަސައްކަތްކުރާނޭ ކަމަށެވެ.