ޒުވާނުންގެ ދުވަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވާ ޒުވާނުންގެ މަހާސަމާ "ޔޫފެސްޓް"ގެ ހަރަކާތްތައް ފޯރިއާ އެކީ ހުޅުމާލޭގައި ކުރިއަށް އެބަ ގެންދެއެވެ.

އެޗްޑީސީގެ މުނިސިޕަލް އެސިސްޓަންޓް ޑިރެކްޓަރު އާމިނަތި ޒައިނާ މިއަދު 'ސަން' އަށް ވިދާޅުވީ، ރޭ ފަތިހު 5:30ގައި ފެށި މި ހަރަކާތުގެ ހެނދުނު ދަންފަޅީގައި ކުރިއަށް ދިޔައީ އޮބްސްޓެކްލް ކޯސް އަދި ސްކެވެންޖާ ހަންޓް ފަދަ ހަރަކާތްތައް ކަމަށެވެ.

މެންދުރު ފަހު 2:00 ން ފެށިގެން އާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު އެ ދަންފަޅީގައި ކުރިއަށް ގެންދާނީ ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކާއި އަދި ކުޑަ ކުދިންގެ ހަވީރު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ޔޫފެސްޓްގެ ހަރަކާތްތައް ކުރިއަށް ދަނީ---

ޒައިނާ ވިދާޅުވީ ޔޫފެސްޓްގެ މަގްސަދަކީ ޒުވާނުންނާ އާއިލާތަކަށް އުފާވެރި މާހައުލެއްގައި ކުޅިވަރު ކުޅެ ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތު ދިނުން ކަމަށެވެ.

އޭގެ އިތުރުން ޔޫފެސްޓްގައި ޔޯގާ ސެޝަންތަކާ، ފުޓްސަލް މުބާރާތްތައް، ވާޗުއަލް ރިއަލިޓީ ގޭމިން، ބާބަކިއު އެންޑް ކޭމާޓް ރޭސް ފަދަ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން މިރޭ ހާއްސަ މިއުޒިކް ފެސްޓިވަލެއް ވެސް ޔޫފެސްޓްގެ ތެރެއިން ކުރިއަށް ދާނެއެވެ. މިއުޒިކް ފެސްޓިވަލް ކުރިއަށް ދާއިރު ރާއްޖޭގެ އާޓިސްޓުންނާ ބޭރުގެ އާޓިސްޓުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭ ޝަލަބީ، މީރާ، އީކުއޭޓިކް ވައިބް، ދި ޓިއުން ފަދަ ބޭންޑްތައް ފެނިގެންދާނެއެވެ. ބޭރުގެ އާޓިސްޓެއްގެ ގޮތުގައި ފެނިގެންދާނީ ފިލިޕީންސްގެ އާޓިސްޓެކެވެ.

ހުޅުމާލޭގައި ޔޫފެސްޓްގެ ހަރަކާތްތައް ކުރިއަށް ދަނީ---

ޔޫ ފެސްޓްގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު އެކި ވައްތަރުގެ ކާބޯތަކެތި ލިބޭނެ ފުޑް ކޯޓުތައް ވެސް ހުންނާނެއެވެ.

މި މަހާސަމާ އަކީ ޒުވާނުންނަށް ހާއްސަކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތަށް ވާނެއެވެ. ޔޫ ފެސްޓްގެ އިވެންޓް އޯގަނައިޒާ އަކީ ބްލެކް ޕްރައިވެޓް ލިމިޓެޑްއެވެ.

ހުޅުމާލޭގައި ޔޫފެސްޓްގެ ހަރަކާތްތައް ކުރިއަށް ދަނީ---

މި ހަރަކާތްތައް މިރޭ މެންދަމު 00:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޔޫފެސްޓް ކުރިއަށް ދާނީ މިއަދު ބާއްވާ ދިރާގު ރޯޑްރޭހާ ވެސް އެކުއެވެ. މީގެ އިތުރުން ބައިކް މޯލްޑިވްސްގެ ނޭޝަނަލް ބައިކް ޗެމްޕިއަންޝިޕްވެސް ޔޫ ފެސްޓްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާނެއެވެ.