ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް 'ޕަދްމާވަތީ' އިންޑިއާގައި ރިލީޒްކުރުން ވަކި މުއްދަތެއް ނެތި ފަސްކުރިނަމަވެސް އެ ފިލްމް އަންނަ ޑިސެމްބަރު އެކެއްގައި އިނގިރޭސިވިލާތުގައި ރިލީޒްކުރަން ނިންމައިފިއެވެ.

މި ފިލްމް އިންޑިއާގެ ސެންސަރު ބޯޑުން އަނބުރާ ފޮނުވާލި ނަމަވެސް ޔޫކޭގެ ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދީފައި ވަނީ އެއްވެސް ތަންކޮޅެއް ނުކަނޑައެވެ. އަދި ފިލްމް ފާސް ކޮށްދިން ކަމުގެ ލިޔުންވެސް ވަނީ ފިލްމްގެ ޓީމާ މިހާރު ހަވާލުކޮށްފައެވެ.

"ޕަދްމާވަތީ"ގެ ޝޫޓިން ފެށި ހިސާބުން ވެސް ފިލްމަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ޑައިރެކްޓަރު ބަންސާލީއަށް ހަމަލާ ދިނުމުގެ އިތުރުން ފިލްމުގެ ސެޓުތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެ ފިލްމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ރާޖްޕުތު ކަރްނީ ސޭނާ އިން ވަނީ އެ މީހުންނަށް ނުދައްކައި ފިލްމު ރިލީޒްކޮށްފި ނަމަ ސިނަމާތައް ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެކަމުގެ ސަބަބުން އިންޑިއާގައި އެ ފިލްމް ރިލީޒްކުރުން މިވަނީ ފަސްކޮށްފައެވެ.

ޕަދްމާވަތީ އަކީ ތާރީޚީ ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ދީޕިކާ ޕަދްކޯން، ރަންވީރް ސިންހް އަދި ޝާހިދު ކަޕޫރު ފެނިގެންދާނެ އެވެ.