06 Aug 2011, 20:47
ސްރީލަންކާގެ މަސްވެރިން އަރަބި ކަނޑަށް ނުކުތުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރި ކުރުމަކީ ރާއްޖޭގެ މަސްކަނޑުތަކުން ވައްކަން ކުރަން ދިން ފުރުސަތެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް މަޖިލީހަށް ގަރާރެއް ވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.
މުސްތޮފާ މިރޭ ވިދާޅުވީ ސްރީލަންކާއިން އެކަން ކުރަން ބޭނުންވެގެން އުޅޭތާ ޒަމާންތަކެއް ވެފައިވާ ކަމަށާއި ގަލްފު އޮފް އަަދަނުން ފެށިގެން ސީޝެލްސްއާ ދޭތެރޭ އެތަކެއް ހާސް މަސްތިލަ ތަކެއް އެބަހުރި ކަން ލަންކާގެ ފިޝަރީޒް މިނިސްޓްރީއަށް ރަނގަޅަށް އެނގޭ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތައް އެއީ ދިވެހ ރައްޔިތުންގެ ހައްގެއް ކަމަށާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ފާސްވެގެން ނޫނީ އެފަދަ ހުއްދައެއް ނުދެވޭނެ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އޭނާ ވަރަށް އަވަހަށް ގަރާރެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މުސްތޮފާ ވިދާޅުވީ އެކަން ކުރައްވަނީ ހިތާމައާއެކުގައި ކަމަށެވެ.
"އެއީއަކީ ދިވެހި ރައްޔިތުން ހަޖަމު ކުރާނެ ކަމެއް ނޫން. އަޅުގަނޑު ވާނީ މިކަން މިހާރު ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައި. ފޮރިން މިނިސްޓަރު ނަސީމަށް ވެސް ވަނީ އެކަން އަންގާފައި. ކަނޑައެޅިގެން އެބައިނގޭ މިއުޅެނީ ވައްކަން ކުރަންކަން. އަޅުގަނޑުމެން މަސްވެރިކަން ހަލާކުކޮށްލަންކަން، މިކަމާ ދެކޮޅަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު މިހުރީ ކުރަން ނުކުމެ،" މުސްތޮފާ ވިދާޅުވި އެވެ.
މި މައްސަލައިގައި މުސްތޮފާ ދެކޮޅު ހެއްދެވި އިރު އިދިކޮޅު މައި ޕާޓީ ޑިއާރްޕީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ޑީއާރްޕީން ބުނީ ސްރީލަންކާ މަސްވެރިން އަރިބިކަނޑަށް ނުކުތުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމަށް ހުއްދަ ދިނުމަކީ އެހެން ސިފައެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ލައިސަންސް ދިނުމުގެ ނުރައްކާތެރި ސިލްސިލާއެއްގެ ފެށުން ކަމަށެވެ.
ސްރީލަންކާގެ ޑެޕިއުޓީ އެކްސްޓާނަލް މިނިސްޓާ ނިއޮމަލް ޕެރޭރާ ދާދިފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި ސޮއިކޮށްފައިވާ ކަމަށް ލަންކާގެ ހަބަރު ފަތުރާ ވަސީލަތްތައް ކަށަވަރު ކޮށްދީފައިވާ ހަބަރާ ބެހޭ ގޮތުން ޑީއާރްޕީން ބުނަނީ އެ އެގްރިމެންޓް ވަގުތުން ބާތިލު ކުރުމަށެވެ. އަަދި ބުނަނީ އަރަބި ކަނޑަށް ކުރާ ދަތުރެެއްގެ ގޮތުގައި ލަންކާގެ މަސްވެރިން ރާއްޖޭ ކަނޑުގެ ސަރަހައްދުން ކުރާ ވަގު މަސްވެރި ކަމުގެ ހަރަކާތްތައް ބެލޭނެ ގޮތެއް ވަސީލަތެއް ވެސް ރާއްޖޭގައި ނެތް އިރު މިއީ ވެފައިވާ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.
ސްރީލަންކާގެ ޑެޕިއުޓީ އެކްސްޓާނަލް މިނިސްޓަރް ނިއޮމަލް ޕެރޭރާ އާ ހަވާލާދީ ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައި ވަނީ ރާއްޖެއާ ސްރީލަންކާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސްރީލަންކާގެ މަސްވެރި އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އަންގައިފި ނަމަ ރައްކާތެރިކަމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމުގެ ފުރުސަތު އެއުޅަނދަކަށް ދޭނެ ކަމަށެވެ.