23 Nov 2017, 22:46
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.
ސްޓެލްކޯ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏަށް ހުޅުމާލޭގެ ދެެ ވަނަ ފިޔަވަހިން ލިބިފައިވާ 12000 އަކަފޫޓުގެ ބިމުގައި 15 ބުރީގެ ދެ ޓަވައި އަޅައިދެން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތް ކުރުމުގެ ޝައިގުވެރިކަން ފާލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"ސްޓެލްކޯ ހިޔާ"ގެ ނަމުގައި ކުރިއަށް ދެންދާ އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ 16:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލު އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.
ސަރުކާރުން ވަނީ "ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް މިދިޔަ ހަފްތާ އިފްތިތާހުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފައެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައްވެސް ބައިވެރިކޮށްގެންނެވެ.