އަރަބިއްޔާ ކުރިން ހުރި ބިމާއި ގާކޮށި ބިމުގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން 105 ފްލެޓެއް ވިއްކާލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން ވިއްކަން އިއުލާންކޮށްފައިވާ ފްލެޓުތަކަކީ އެ ފުލެޓު ލިބުނު މީހުންނަށް ކަނޑައެޅި މުއްދަތުގެ ތެރޭގައި ފައިސާ ހަމަނުޖެހުމުގެ ސަބަބުން، ވިއްކަން އިއުލާންކުރި ފުލެޓުތަކެކެވެ.

އަރަބިއްޔާ ކުރިން ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އިން ވިއްކަނީ 30 ފްލެޓެވެ. އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"އިން އިން ވިއްކަން ނިންމާފައި ވަނީ 75 ފްލެޓެވެ.

އެޗްޑީސީން ބުނީ އެއިން ކޮންމެ ފުލެެޓެއް ވިއްކާނީ ދެ މިލިއަން ރުފިޔާ ކަމަށެވެ.

އޭގެ ތެރޭ ހިމެނެނީ ތިން ކޮޓަރި ދެ ފާޚާނާއާއެކު ސިޓިން ރޫމަކާ، ބަދިގެ އަދި ކާގެ ހިމެނެ އެޕާޓްމެންޓްތަކެވެ. ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ފްލެޓް އިހްތިޔާރު ކުރުމުގައި އިސްކަންދޭނީ ފުރަތަމަ އަންނަ ފަރާތްތަކަށް ކަމަށް ވެސް އެޗްޑީސީ އިން ބުނެ އެވެ.

މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި އަމިއްލަ ބޯ ހިޔާވަހިކަން ނެތް، އުމުރުން 21 އަހަރު ފުރިފައިވާ ދިވެހިންނަށް އެ ފްލެޓްތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފްލެޓް ލިބޭނީ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށެވެ. އަދި އެކަނިވެރި މައިންނަށާއި ބަފައިންނަށް ވެސް ފްލެޓް ގަތުމަށް ފޯމު ހުށަހެޅޭނެ ކަމަށާއި ވަރިވި ތާރީހުކަމަށް ބަލާނީ މިއަހަރުގެ އޮކްޓޯބަރު ތިނެއްގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ކެޓަގަރީ އިން އަނބިމީހާ ނޫނީ ފިރިމީހާ މަރުވެފައި ތިބޭ މީހުން އިސްތިސްނާވާނެ ކަމަށްް އެ ކޯޕަރޭޝަނުން ހާމަ ކުރެއެވެ.

ފްލެޓް ގަންނަން އެދޭ ކޮންމެ ފަރާތަކަށް ވެސް ގަނެވޭނީ އެއް ފްލެޓެވެ.

ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު ނުވަޔަކުން މެންދުރު ދޭކަށް ހުޅުމާލެ ގާޒީ ސްކޫލުގައި ކުރިއަށްދާނެއެވެ.

އެ ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ދޫކުރާނީ ޖުމުލަ 105 ފޯމެވެ. ފޯމު ދޫކުރާނީ އެއްލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ކަމަށް އެޗްޑީސީ އިން ބުނެއެވެ. ފޯމު ދޫކުރާނީ ބޭންކް ގެރެންޓީގެ ވެރި ފަރާތަށް ކަމަށާއި ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުގެ ފައިނޭންޝަލް ސްކްރީނިން ހެދުމަށް އަންނަ މަހުގެ 12 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ހުޅުމާލޭ ގާޒީ ސްކޫލުގައި އެ ދުވަހުގެ ހެނދުނު ނުވަޔަކުން މެންދުރު ދޭކަށެވެ.

މާލޭ ގާކޮށި އަދި ކުރީގެ އަރަބިއްޔާ ހުރި އިމާރާތުގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބުނު 53 ފަރާތަކަށް މިހާރު ވަނީ ފްލެޓް ހަވާލުކޮށްފަ އެވެ.