ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަގޫދޫ ބަލިކޮށް، ހެނބަދޫ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕު ދޭއްގެ މެޗުގައި މަގޫދޫގެ މައްޗަށް ހެނބަދޫ އިން ކުރި ހޯދާފައި ވަނީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ. ހެނބަދޫ އަކީ ކުއާޓާގެ ޖާގަ ކަށަވަރުކުރި ތިން ވަނަ ޓީމެވެ. ކުއާޓާގެ ފުރަތަމަ ދެ ޖާގަ ހޯދާފައި ވަނީ ގްރޫޕް އެކެއްގައި ވާދަކުރާ ލަންދުއާއި މިލަދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހެނބަދުއާއި މަގޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހެނބަދޫ މޮޅުވީ 2-0 ލަނޑުން ---

މިއަދު ހަވީރު ކުޅުނު މެޗުގައި ހެނބަދޫ އިން ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހީމް ރަމީޒެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އޭނާގެ ފުރަތަމަ ލަނޑު ފެނިގެންދިޔަ އިރު، އޭނާގެ ދެ ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 53 ވަނަ މިނެޓުގަ އެވެ.

ގްރޫޕު ދޭއްގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ގްރޫޕުގެ އެއް ވަނާގައި އޮތް ހެނބަދުއަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ދެ ވަނާގައި އޮތް މަނަދުއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ކުޑަފަރީ އާއި މަގޫދުއަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. މާދަމާ ހަވީރު ކުޑަފަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، މަނަދުއަށް ވެސް ކުއާޓާގެ ޖާގައެއް ކަށަވަރުވާނެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހެނބަދުއާއި މަގޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހެނބަދޫ މޮޅުވީ 2-0 ލަނޑުން ---

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

  • ގްރޫޕް އެކެއް:ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.

  • ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
  • ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.