ދިވެހި ފިލްމީ ދާއިރާގައި ކާމިޔާބު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) މިހާރު އަންނަނީ ކެމެރާގެ ފުރަގަހުން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ތައްޔާރުވަމުންނެވެ.

ގިނަ ފިލްމުތަކެއް އިއުލާނުކޮށް އެ ފިލްމުތަކުގެ މަސައްކަތް މިހާރު ޔޫއްޕެ ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސްކްރީނަށް އަންނަން ތައްޔާރުވާ ދެވަންސޫރަ، މިއަހަރު ފެނުނު ކޮމެޑީ ފިލްމް ނޯޓީ 40 ގެ ދެ ވަނަ ބައި ފޯޓީ ޕްލަސް، ކަޅަކި، ނަފްސު އަދި ހައްޔަރު ކިޔާ ފިލްމެއް ހިމެނެއެވެ.

އެ ފިލްމުތަކާ ގުޅޭ އެންމެ ފަހުގެ ތަފްސީލު ދެމުން ޔޫއްޕެ ބުނީ "ދެވަންސޫރަ"ގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ ކަމަށާއި އަންނަ ފެބްރުއަރީގައި ސްކްރީނަށް ގެނައުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"މިހާރު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށް ދަނީ،" ޔޫއްޕެ ބުންޏެވެ.

ދެވަންސޫރަ އަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ ޔޫއްޕެއެވެ. ޑައިރެކްޓަރަކީ ވެސް ޔޫއްޕެއެވެ.

ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދޭ އެ ފިލްމުގެ ލީޑް ތަރިއެއްގެ ގޮތުން ފެނިގެންދާނީ އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ޝިފާއެވެ. މީގެ އިތުރުން ފިލްމުގެ މުހިއްމު ތަރިންގެ ތެރޭގައި ޔޫއްޕެ، ދޮން އައްޔަ، އަޒޫ، ފައިސަލް، ނާއްކޮ، ސައީދު އަދި ޖާދުﷲ ފަދަ ތަރިން ހިމެނެއެވެ.

ދެވަންސޫރައާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ އެ ފިލްމަކީ މިހާރުގެ މުޖްތަމައުގައި ހިނގާ ކަންތައްތައް ދައްކައިދޭނެ ފިލްމެއް ކަމަށާއި ފިލްމުގައި ފެނިގެންދާނީ މަރެއްގެ ހަގީގަތް ހޯދުމަށް އަންހެނަކު ކުރާ މަސައްކަތް ކަމަށެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.