23 Nov 2017, 18:14
(ޕެރިސް، ފްރާންސް) ހަށިގަނޑުގެ 95 ޕަސެންޓް ފިހި، ދިރިހުންނާނެ ކަމުގެ އުއްމީދު ކަނޑާލި މީހެއްގެ ހަންގަނޑުގެ ޓްރާންސްޕްލާންޓެއް ހަދައި، އޭނާގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
މިއީ ސްކިން ޓްރާންސްޕްލާންޓް ހެދުމަށް ކުރިއަށް ގެންދިޔަ ކާމިޔާބު ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަނުގައި ފިހުނު މީހާގެ ހަންގަނޑު ބަދަލު ކުރުމަށް ބޭނުންކުރީ އޭނާގެ އައިޑެންޓިކަލް ޓްވިންގެ ގައިން ހަންނަގައިގެންނެވެ.
ފްރާންސަށް ނިސްބަތްވާ 33 އަހަރުގެ ފްރޭންކްގެ ހަށިގަނޑުގެ 95 ޕަސެންޓް ފިހި، ދިރިހުންނާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ކަނޑާލާފައިވަނިކޮށް އޭނާގެ އެއްމާބަނޑު ބޭބެ އެރިކް ވަނީ، އޭނާގެ ގައިން ހަން ހަދިޔާކޮށްފަ އެވެ. އެގޮތުން އެރިކްގެ ބޮލާ، ބުރަކަށި އަދި ފަލަ މަސްގަނޑުން ހަން ނަގައިގެން ފްރޭންކްގެ ގަޔަށް ލައްވައި، ސްކިން ޓްރާންސް ޕްލާން އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔައީ ފްރާންސްގެ ޑޮކްޓަރުންގެ ޓީމެކެވެ.
އާންމުކޮށް ހަށިގަނޑަށް އެހެން މީހެއްގެ ހަން ލެއްވުމުން އެ ހަން ހަށިގަޑަކާ ދިމާނުވެ، ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.
މީގެ ކުރިން ވެސް އެއްމާބަނޑު ދެމީހުން، އެކަކު އަނެކަމަށް ގައިގެ ހަން ހަދިޔާކޮށްފައި އެބަހުއްޓެވެ. އެކަމަކު މިހާ ބޮޑު ބައެއް ހަށިގަނޑުން ފިހި ހަށިގަނޑުގެ ބޮޑު ސަރަހައްދެއްގެ ހަން ބަދަލު ކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.
ފްރޭންކްގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައި ވަނީ މަސައްކަތުގައި އުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައެވެ. އެ އެކްސިޑެންޓް ދިމާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ހަން ބަދަލު ކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެކްސިޑެންޓް ކުރިމަތިވިތާ އެއް ހަފްތާ ފަހުންނެވެ. އޭގެ ފަހުން ވެސް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.
އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ފްރޭންކް އެއްކޮށް ރަނގަޅުވެ މަސައްކަތަށް ނުކުމެފައި ވަނީ މިދިޔަ މަހުއެވެ. އޭނާ ވަނީ ގާތްގަނޑަކަށް އަހަރެއް ވަންދެން ޑޮކްޓަރުންގެ ބެލުގެ ދަށުގައި ބާއްވައިފައެވެ.
( އެންޑީޓީވީ )