06 Aug 2011, 17:00
ކޯޓްގެ ހުކުމާ އެއްގޮތަށް ޕީޕަލްސް ޕާޓީ އާއި މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދެ ޕާޓީއަށް ފައިސާ ދޫކުރުމަށް ފައިނޭންސް މިނިސްޓްރީ އަށް އިލެކްޝަންސް ކޮމިޝަނުން އެންގެވީ މިދިޔަ މަހު 28ގައި ކަމަށާއި އެ ދެ ޕާޓީ އަށް ފައިނޭންސް މިނިސްޓްރީން ފައިސާ ދޫކުރެއްވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.
ނަމަވެސް ދޫކުރެއްވީ ކިހާ ފައިސާއެއް ކަމެއް އިލެކްޝަންސް އަކުން ނުބުނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުގެ މަތީން ކޮންމެ އަހަރެއްގެ ދައުލަތުގެ ޖުމްލަ ބަޖެޓްގެ 1.2 ޕަސެންޓް ސިޔާސީ ޕާޓީތައް ހިންގުމަށް ދޭން ޖެހެ އެވެ.
ފުއާދު ވިދާޅުވި ގޮތުގައި އެ ދެ ޕާޓީ އަށް ފައިސާ ދޫކުރެއްވި ނަމަވެސް އަދި ފައިސާ ދޫނުކުރައްވާ ދެ ޕާޓީއެއްވެ އެވެ. އެއީ ސޯޝަލް ލިބަރަލް ޕާޓީ އާއި އިސްލާމިކް ޑިމެކްރެޓިކް ޕާޓީ] އައިޑީޕީ[ އެވެ.
އެ ދެ ޕާޓީ އަށް ފައިސާ ދޫނުކުރައްވައި ވަނީ، ފުއާދު ވިދާޅުވި ގޮތުގައި އެ ދެ ޕާޓީން އޯޑިޓް ރިޕޯޓް ހުށަހަޅާފައި ނެތުމާއި އަދި ކޯޓް ހުކުމުމުގައި ވެސް އެ ދެ ޕާޓީއާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވާތީ އެވެ.
މިދިޔަ މަހު 7ގައި ސިވިލް ކޯޓުން އިލެކްޝަންސްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާ ފައިސާ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ޕާޓީތަކުގެ މެދުގައި ބެހުމަކީ އިލެކްޝަންސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.