23 Nov 2017, 16:32
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުން ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭން މީހަކު ހިފަހައްޓައި އޭނާ މަސައްކަތް ކުރާ ސަރަހައްދު ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާ ތަކެތި ބަންދުކޮށްފައިހުރި 76 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
"އަތުލައިގަނެވިފައިވާ މަސްތުވާތެކެތީގެ އަގު މަގުމަތީގެ އަގުން ބަލާނަމަ އެއީ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ،" މުސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުޅުމާލެ ޕޮލިހާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަދި ސްޕެޝަލިސްޓް އޮޕަރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި މިއަދިޔަ އަންގާރަ ދުވަހުގެ 18:40 ކަންހާއިރު، ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއް ސާބިތުވެ 2016 ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލާފައިވާ މީހެއްކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޔަރު ކުރެވުނު ދިވެހި މީހާގެ އުމުރަކީ 40 އަހަރު ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން ބެލި ސަރަހައްދުން، ތުހުމަތު ކުރެވޭ 32 އަހަރުގެ ބިދޭސީއަކުވެސް ހައްޔަރުކޮށްފައިވާކަމަށް މޫސާ ވިދާޅުވިއެވެ.
އޭނާ ވިދަޅުވީ، ހައްޔަރު ކުރި ދެމީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ އެންމެ ގިނަ އަދަދަކަށް ކްރިސްޓަލް މެތް އަތުލައިގަތް ފަހަރު
އަތުލައިގަނެވުނު މަސްތުވާތަކެތީގެ މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުން ތިން ވައްތަރެއްގެ މަސްތުވާ ތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކްރިސްޓަލް މެތް ކިޔާ މަސްތުވާއެއްޗެއް ގިނަ އަދަދަކަށް ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މިއީ ރާއްޖެއިން މިހާ ގިނަ އަދަދަކަށް އެ ބާވަތުގެ މަސްތުވާތަކެތި އަތުލައިގެން ފަހަރު ކަމަށެވެ.
" މި އޮޕަރޭޝަންގައި ކްރިސްޓަލް މެތް ކިޔާ މަސްތުވާ އެއްޗެއް އަތުލައިގަނެވިފައިވާއިރު އޭގެ ވަގުތީ ބަރު ދަނުގައި 2.81 ކިލޯ އެބަހުރި،" މޫސަ ވިދާޅުވިއެވެ.
ކްރިސްޓަލް މެތްގެ އިތުރުން ވަގުތީ ބަރުދަނުގައި ބައި ކިލޯއަށް ވުރެ ގިނައިން ހެރޮއިން އަތުލައިގަނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަގުތީ ބަރުދަނުގައި ފަސް ކިލޯއަށް ވުރެ ގިނަ ހެޝިސް އޮއިލް ވެސް އަތުލައިގަނެފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.