ދިއްލީ (ނޮވެމްބަރު 23): ކެންސަރު ޖެހެނީ ފާފަ ކުރުމުގެ ސަބަބުން ކަމަށް އިންޑިއާގެ އައްސާމް ސްޓޭޓުގެ ހެލްތް އެންޑް އެޑިއުކޭޝަން މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހިމަންތާ އިއްޔެ ދެއްވި ހިތާބެއްގައި އޭނާ ވަނީ ކެންސަރު ޖެހުމަކީ "އިލާހީ އިންސާފު"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު ފެނޭ ކެންސަރު ޖެހިފައިވާ ޒުވާނުންނާއި އެކްސިޑެންޓުތައް ދިމާވާ ޒުވާނުން. އެމީހުންގެ ފަތްފުށް ބަލައިފިނަމަ އެނގޭނެ އެއީ އިލާހި އިންސާފުކަން،" ހިމަންތާ ވިދާޅުވި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ މިނިސްޓަރު ހިމަންތާ އެފަދައިން ވިދާޅުވުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ކެންސަރު ޖެހިފައިވާ މީހުންނާއި އެފަރާތްތަކުގެ އާއިލާގެ މެމްބަރުން ވަނީ މިނިސްޓަރު އެފަދައިން ވިދާޅުވުމުން ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. (ބީބީސީ)