23 Nov 2017, 14:36
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާ ހަވާލުކޮށްގެން، ކ. ކާށިދޫގައި ގެސްޓްހައުސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ކާފު ކާށިދޫ ގެސްޓްހައުސް ޕްރޮޖެކްޓްއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެމްއައިޓީޑީސީގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު ވިދާޅުވީ، މި މަޝްރޫއަކީ އެމްއައިޓީޑިސީއާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ކާށިދޫގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
ކާށިދޫގައި ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި އެޅުމަަށް ހަމަޖެހިފައި ވަނީ، 25 އެނދުގެ 10 ގެސްޓްހައުސް އެވެ.
"މި ޕްރޮޖެކްޓްގެ ދަށުން ރޭވިފައި މިވަނީ ގާތްގަނޑަކަށް 25 ވަރަކަށް ރޫމްސް ހުންނަ ވަރުގެ 10 ގެސްޓްހައުސް. އެއީ ޖުމުލަ 250 އެނދުގެ ގެސްޓްހައުސް ޕްރޮޖެކްޓެސް މި ރަށުގައި ކުރިއަށް ގެންދިއުމަށް ރޭވިފައި މިވަނީ،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއައިޓީޑީސީގެ އަމިއްލަ ހަރަދުގައި ކުރިއަށް ގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު ހަރަދުވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މަޝްރޫއުގައި ތަރައްގީކުރެވޭ ގެސްޓްހައުސްތައްވެސް ހިންގާނީ އެކަމަށް ޝައުގުވެރިވާ އާންމު ރައްޔިތުންނަށް ފުރުސަތު ދީގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
މެދު ފަންތީގެ ފަތުރުވެރިކަން ތަރައްގީކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ގެސްޓްހައުސްތަކާ ގުޅިގެން އަންނަ، ރެސްޓޯރަންޓް ތަކާއި، ވޯޓަރ ސްޕޯޓްސް ފަދަ ހަރަކާތްތައް ހިންގުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ފުރިހަމަ ކުރެވިގެން ދާނޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"ޖުމުލަގޮތެއްގައި ދަންނަވާ ނަމަ ކާށިދޫގެ ވަކި ސަރަހައްދެއްގައި 10 ގެސްޓުހައުސްއާއެކު އެއަށް ބޭނުންވާނޭ ސަޕޯޓް ފެސިލިޓީޒް ގާއިމުކުރުމުގެ މަޝްވަރާތައް މިނިސްޓްރީއާއެކު މިހާރު ކުރެވެމުންދަނީ."
ކާށިދޫގައި ގެސްޓްހައުސްގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވަމުން ދާކަމަށް އެމްއައިޓީޑީސީން އިއުލާނުކޮށްފައި މިވަނީ، އެ ކުންފުނިން ލ. ބަރެސްދޫގައިވެސް އިންޓަގްރޭޓެޑް ގެސްޓްހައުސް ކޮންސެޕްޓަށް ބިޔަ މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާ ދުވަސްވަރެއްގައެވެ.
އެމްއައިޓީޑީސީން ބުނީ، ކާށިދޫގައި ކުރިއަށް ގެންދާ ގެސްޓްހައުސްގެ މަޝްރޫއުވެސް ކުރިއަށް ގެންދާނީ، އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުމާއެކު، ރަށުގެ ރައްޔިތުންގެ ތެރޭން ގެސްޓްހައުސް ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ދީގެން ކަމަށެވެ.
"މަސައްކަތްތައް ހިންގާނޭ ގޮތުގެ ތަފްސީލް އަޅުގަނޑުމެން ތައްޔާރުކުރަމުން މިދަނީ. މި ކުންފުނީގެ އިންވޯލްމަންޓް ވަރަށް ބޮޑުވާނެ މިކަމުގަ. އޭގެ ޑީޓެއިލް ޕްލޭންސްތަކާ، އިމްޕްލިމެންޓް ކުރާނޭ ގޮތާ، އާންމު ފަރާތްތަކަށް މީގައި ބައިވެރިވެވޭނޭ ގޮތްތައް އަޅުގަނޑުމެން އަދި ފަހުން އިއުލާނުކުރާންނަ،" އެމްޑީ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ގެސްޓްހައުސް މަޝްރޫއަށް ކާށިދޫން ބިން ހޯދުމާއި، އަދި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފެށޭވަރު ވާނޭކަމަށް އެ ކުންފުނިން އުންމީދުކުރާ ކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ، އެކަމަށް ބޭނުންވާ ލިޔެކިޔުންތަކުގެ އެންމެ ފަހުގެ މަރުހަލާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.