ރާއްޖެއަށް ކުރިމަތިވެފައިވާ މައިގްރޭޝަން ނުވަތަ ހިޖުރަކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެއްބާރުލުދިނުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން )އައިއޯއެމް(އާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ޖެނީވާގައި ހުންނަ އައިއޯއެމްގެ ހެޑްކުއާޓާސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނީވާގެ ސަފީރު އިރުތިޝާމް އާދަމް އެވެ. އައިއޯއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޑައިރެކްޓާ ޖެނެރަލް ވިލިއަމް ސުވިންގް އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނަނީ، ރާއްޖެ އަށް ކުރިމަތިވެފައިވާ ހިޖުރަ ކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މި އެއްބަސްވުމުގެ ދަށުން އެޖަމިއްޔާ އިން ޕްރޮގްރާމްތައް ރާވައި ހިންގުމަށް އެހީތެރިވެދޭނެ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރާއި އަދި ހިޖުރަކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ފެންވަރު މަތި ކުރުމުގެ ޕްރޮގްރާމްތަކާއި ޓެކްނިކަލް ސަޕޯޓް ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ހިޖުރަ ކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ އަދި ތިމާވެށީގެ މައްސަލަތަކަށް އެހީތެރިވެދޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އައިއޯއެމްގެ ޑައިރެކްޓާ ޖެނެރަލް ސުވިންގް ވަނީ، މައިގްރޭޝަން މައްސަލަތައް ހައްލުކުރަން ރާއްޖެއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީން ކަން ދެއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ ޖަމިއްޔާގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ކުރިމަތިވެފައިވާ ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އިރުތިޝާމް ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.