މާއާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މިނިވަންކުރާ ގައިދީން ތިބޭނީ އެއް މަސް ދުވަސް ވަންދެން ގޭ ބަންދުގައި ކަމަށާއި، އޭގެ ދެ މަސް ފަހުން ތިބޭނީ ރަށު ބަންދުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެގޮތަށް ރައީސް ޔާމީން ނިންމެވިކަން ހާމަކުރަމުން ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ ގައިދީންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެކަމަށްޓަކާ އެކުލަވާލި ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

އެ އޮފީހުން ބުނެފައި ވަނީ އެ ގޮތަށް ދޫކޮށްލެވޭ ގައިދީން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ބާރު އެޅުމަށް ބެލެނިވެރިންނަށް ޝަރުތު ކުރެވިފައިވާނެ ކަމަށެވެ. އަދި އާންމު ރައްޔިތުން ވެސް އެފަދަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެދޭ ކަމަށެވެ.

ރައީސް ދެއްވާ ހާއްސަ ފުރުޞަތުގެ ތެރެއިން ދޫކޮށްލާ ގައިދީން މުޖުތަމައު އަށް ނެރެން ހަމަޖައްސާފައިވާ މަރުހަލާތައް ކަމުގައި ރައީސް އޮފީހުން ބުނީ ގައިދީ އަކު މުޖްތަމައު އަށް ނެރޭ އިރު އެންމެ ފުރަތަމަ އެއް މަސް ދުވަސް ވަންދެން އެ ގައިދީއަކު ބަހައްޓާނީ ގޭ ބަންދުގައި ކަމަށެވެ. އަދި އެއަށް ފަހު އިތުރު ދެ މަސް ދުވަސް ވަންދެން ރަށު ބަންދުގައި އެ މީހަކު ބަހައްޓާނެ ކަމަށް ވަނީ ބުނެފަ އެވެ.

ތިންވަނަ މަރުހަލާގައި އެމީހަކަށް ރައްޖޭއިން ބޭރަށް ދިޔުމުގެ ފުރުޞަތު ލިބުނު ނަމަވެސް ފަސް އަހަރުވަންދެން އެފަދަ މީހުންގެ ހަރަކާތްތައް ބަލައި މޮނީޓާ ކުރަމުންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ފުރަތަމަ ދެ މަރުހަލާގައި ހާއްސަ ފުރުޞަތުދޭ ގައިދީންނަށް ވަޒީފާއެއް ލިބިއްޖެ ނަމަ ކަރެކްޝަންސްގެ ބެލުމުގެ ދަށުން އެ މީހަކަށް ވަޒީފާ އަށް ދިޔުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގައިދީން މުޖުތަމައުއަށް ދޫކޮށްލުމުގައި ކޮމިޓީއިން ބަލާފައިވާ ކަންކަން:

  • ކޮންމެ ގައިދީއެއްގެ ވެސް ކުށުގެ ބާވަތާއި ކުށަށް އަރައިގެންފައިވާ ގޮތާއި މިންވަރު.

  • ކޮންމެ ގައިދީއެއްގެ ވެސް މިހާރުގެ ޙާލަތު.
  • ޖަލުގައި ހޭދަކުރި މުއްދަތުގައި އަމަލުތައް ބަހައްޓާފައިވާ ގޮތް.

ގައިދީން މުޖްތަމައު އަށް ދޫކޮށްލާ އިރު އެމީހުންގެ ކަންކަން ބަހައްޓަން ޖެހޭ ހާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އަދި ގައިދީއަކަށް ހައްސަ ފުރުޞަތު ދެނީ އެ ކަންތައްތައް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އެކު އެއްބަސްވެ އިގުރާރުވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

● އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ހުރުން.
● ދެ މަސް ދުވަހަށް ރަށު ބަންދުގައި ހުރުން.
● ފުރަތަމަ ތިން މަސް ހަމަވުމުން ފަސް އަހަރު ވަންދެން މޮނިޓަރިން މަރުޙަލާގެ ފަސް އަހަރު މުޖުތަމަޢުގައި ހޭދަކުރުން. (މި މުއްދަތުގައި ކަރެކްޝަންސްއާ އެކު ވެފައިވާ އިގުރާރާ ޚިލާފުވެއްޖެ ނަމަ ކުރީގެ ޙާލަތަށް ބަދަލު ކުރުން)
● ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާޢިދުތަކާއި ތަންފީޒީ އިދާރާތަކުގެ އެންގުންތަކަށް ތަބާވުން.
● ޝަރުތުކުރެވިފައިވާ މުއްދަތުގައި ދެވޭ އެއްވެސް ކަހަލަ ކުށަކަށް އަރައިނުގަތުން.
● މުޖުތަމަޢުގައި އުޅޭއިރު ޢާއްމު އިޖްތިމާޢީ އަދި އަޚުލާގީ މިންގަނޑަށް އިޙްތިރާމްކުރުން.
● ދަޢުލަތުގެ ކަމާބެހޭ އިދާރާއިން ބޭނުންވެއްޖެ ޙާލަތެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުޑަކަމުދާ ތަކެތި ނުވަތަ ލޭގެ ސާމްޕަލް ދިނުން.
● ޢާމްދަނީ ހޯދަން މަސައްކަތް ކުރުމާއި އެ މަސައްކަތުގެ ތަފްޞީލު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ޙިއްޞާ ކުރުން.
● އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފުނުވުން.
● އޮންލައިން ސައިޓްތަކާއި ސޯޝަލް ނެޓްވޯކްތަކާއި އެނޫން ވެސް މީޑިއާގެ ވަސީލަތްތަކާއި ތަންތަނުގައި ދަޢުލަތުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުން.
● ޙަގީގަތާ ޚިލާފު ދޮގު މަޢުލޫމާތު ނުފެތުރުން. އަދި މިފަދަ ކަންކަމަށް ހިތްވަރުދީ ނުހެދުން.
● މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދަނެތި މީޑިއާ އިވެންޓްތަކުގައި ބައިވެރިނުވުން.
● ގަވާޢިދު ހުއްދަނުކުރާ އެއްވުންތަކުގައި ބައިވެރިނުވުން.

ރައީސް ދެއްވާ ހާއްސަ ފުރުޞަތު ލިބޭ ގައިދީންނާއި ޝަރުތުކުރެވިފައިވާ ކަންކަން ނުކޮށްފި ނަމަ އިސްލާހީ ހާއްސަ ފުރުޞަތު އެމީހަކަށް ގެއްލިގެންދާނެ ކަމަށް ރައީސް އޮފީހުންވަނީ ބުނެފަ އެވެ. އަދި އެމީހަކު އަނބުރާ ކުރިން ތަންފީޒު ކުރި ހުކުމް އަލުން ތަންފީޒު ކުރުމަށް ޖަލަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެފަދަ ކަމެއް ވެއްޖެ ނަމަ އެ ގައީދީއެއްގެ ބެލެނިވެރިއާގެ މައްޗަށް ވެސް ދައުވާ ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރަށް ހަތަރު އަހަރުވީ މުނާސަބާ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ 400 ގައިދީންނަށް އަދަބު ލުއިކޮށްދެއްވައިފަ އެވެ.