23 Nov 2017, 12:54
މި އަހަރުގެ ދިރާސީ އަހަރު މިއަދު ނިމިގެން ދިޔައިރު މި އަހަރަކީ ގިނަ ކަންތައްތަކެއް ހާސިލްވެގެންދިޔަ އަހަރެއް ކަމަށާއި ތައުލީމީ ގޮތުން އުފެއްދުން ތެރި އަދި ކާމިޔާބު އަހަރެއް ކަމަށް އެޑީޔުކޭޝަން މިނިސްޓްރީންބުނެފި އެވެ.
މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މުހައްމަދު ސައީދު މިއަދު "ސަން" އަށް ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރެކޭ އެއްގޮތަށް މި އަހަރަކީ ވެސް ތައުލީމީ ގޮތުން އުފެއްދުންތެރި އަދި ގިނަ ކަންތައްތަކެއް ހާސިލްވެގެން ދިޔަ އަހަރެއް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ތަސައްވަރުގެ ތެރެއިން ތައުލީމީ ނިޒާމުން ގެންނަން ބޭނުންވި ކުރިއެރުންތައް ފެނިގެން ދިޔަ އަހަރަކަށް 2017 ވަނަ އަހަރު ވެގެންދިޔަ ކަމަށާއި އެކަމަށް ޓަކައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި އެޑިޔުކޭޝަން މިނިސްޓްރީން ވެސް ބުރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ހުރިހާ ސްކޫލަކުން ވެސް މި އަހަރު ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރި ކަމަށާއި ކުރިއެރުންތަކެއް ހޯދި ކަމަށެވެ. އަދި އެކަމަށް ޓަކައި މިނިސްޓްރީގެ ނަމުގަޔާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ ނަންފުޅުގައި އެ ސްކޫލުތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިއަދު ނިމިގެން ދިޔަ 2017 ވަނަ އަހަރުގެ ދިރާސީ އަހަރާ ބެހޭ ގޮތުން ރެހެންދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމް އަބދުﷲ ވިދާޅުވީ މިއީ ތައުލީމީ ހަޔާތުގައި ގިނަ ކަމިޔާބީތަކެއް ހާސިލްވެ ދަރިވަރުންނަށް އައު އުފެއްދުންތެރި ކަންތައްތަކެއް ދަސްވެގެންދިޔަ އަހަރެއް ކަމަށެވެ. އެގޮތުން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ސްކޫލުތަކާއި ދަރިވަރުންނާއި ބެހެއްޓި ގާތްކަން ހާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވޭ ކަމަށެވެ.
ދިރާސީ އަހަރު ނިމިގެން ދިޔުމާއި އެކު މިއަދު ވަނީ ސްކޫލްތަކުގައި ރިޕޯޓް ފޯމް ދިނުން ބާއްވައިފަ އެވެ. އަންނަ އަހަރު ސްކޫލުތައް ހުޅުވާނީ ޖަނުވަރީ މަހުގެ 14 ވަނަ ދުވަހު އެވެ.
އަންނަ އަހަރަކީ ވެސް ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އަހަރެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ސްކޫލުތައް ޑިޖިޓަލައިޒް ކުރެވި ފޮތްތަކުގެ ބަދަލުގައި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ތައާރަފް ކުރަން ހަމަޖެހިފައި ވަނީ ވެސް އަންނަ އަހަރު އެވެ.