23 Nov 2017, 13:49
އެފްއޭއެމުން އިންތިޒާމު ކޮށްގެން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް އަންނަ މަހު 21 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އެފްއޭއެމުން ބުނީ މި އަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހު ތިން ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައިވާ ކަމަށާއި އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމުގެ އިތުރުން މާލޭ ލީގުގައި ވާދަކުރި ޓީމުތަކަށް ކަމަށެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި އެ މުބާރާތް ބާއްވަމުންދިޔަ އެވެ. އޭގެ ފަހުން އެ މުބާރާތް ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު ހޯދީ އީގަލްސް އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އެހެން ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ.
މި އަހަރު ކުރީކޮޅުގައި އާއްމުކުރި އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި ޔޫތު ޗެމްޕިއަންޝިޕް ހިމަނާފައި ނުވި ނަމަވެސް އެފްއޭއެމުން ވަނީ އެ މުބާރާތް ބާއްވާނެ ކަމަށް ބުނެފަ އެވެ.
ޔޫތު ޗެމްޕިއަންޝިޕަކީ ފުރަތަމަ ޑިވިޝަނަށް ޒުވާން ކުޅުންތެރިން ތައާރަފް ވުމަށް ރަނގަޅު މުބާރާތެކެވެ. މި މުބާރާތުގެ ތެރެއިން އައި ބައެއް ކުޅުންތެރިން މިހާރު އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ.