ސޯޗީ (ނޮވެމްބަރު 23): ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް ކޮންގްރެސްއެއް ބާއްވަން ތުރުކީ އާއި އީރާނުން ރަޝިއާއާ އެކު އެއްބަސްވުމެއް ހަދައިފި ކަމަށް އެ ގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ރިޒޯޓު ރަށެއް ކަމަށްވާ ސޯޗީގައި އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު ޕުޓިން ވިދާޅުވި ގޮތުގައި އެކޮންގްރެސްގައި އަލި އަޅުވާލާނީ ސީރިއާގެ ގައުމީ އެޖެންޑާ އަށެވެ. އެގޮތުން ގައުމުގެ ކުރިމަގާ ބެހޭ ގޮތުން ފްރޭމްވޯކެއް އެކުލަވާލުމާއި އާ ގާނޫނު އަސާސީއެއް ހަދައިި، އޭގެ ދަށުން އިންތިހާބުތައް ބޭއްވުމާ ބެހޭ ގޮތުން ކޮންގްރެސްގައި މަޝްވަރާ ކުރާނެ ކަމަށް ޕުޓިން ވިދާޅުވި އެވެ.

އެބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ތިން ރައީސުން ވަނީ ސީރިއާގެ ހަނގުރާމާގައި ބައިވެރިވާ ދެ ފަރާތުން ހައްޔަރުކޮށްފައިވާ މީހުންނާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމަށާއި މަރުވެފައިވާ މީހުންގެ ހަށިގަނޑު އެމީހުންގެ އާއިލާތަކާ ހަވާލު ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ސީރިއާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައި، އެގައުމުގައި ވަޅުލާފައިވާ މައިންތައް ނެގުމަށާއި ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތައް މަރާމާތު ކުރުމަށް ގޮވާލާފަ އެވެ.

ނަމަވެސް ސީރިއާ ކޮންގްރެސް ބާއްވާނެ ދުވަހަކާއި އޭގައި ބައިވެރިވާނެ ފަރާތްތަކާ ބެހޭ ގޮތުން ޕުޓިން ތަފްސީލެއް ނުދެއްވަ އެވެ. އެކަމާ ގުޅުން ހުރި ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެބައްދަލުވުން ބާއްވާނީ އަންނަ ހަފްތާގެ އަންގާރައިގެ ކުރިން ސޯޗީގަ އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވަނީ މިދިޔަ ހޯމަ ދުވަހު ރަޝިއާއަށް ވަޑައިގެން ރައީސް ޕުޓިންއާ ބައްދަލުކުރައްވައިފަ އެވެ. އަދި ސީރިއާ ސަލާމަތްކޮށްދެއްވީ ޕުޓިން ކަމަށް ވިދާޅުވެ، ޝުކުރު އަދާ ކުރައްވައިފަ އެވެ.

ސީރިއާ ހަނގުރާމައަށް ހަ އަހަރުވެފައިވާ އިރު، އެހަނގުރާމައިގެ ސަބަބުން 465،000 އަށް ވުރެ ގިނަ މީހުން މަރުވެ، 12 މިލިއަން މީހުން ގެދޮރުނެތިފައިވެ އެވެ. (އަލްޖަޒީރާ)