23 Nov 2017, 14:53
ސަރުކާރާ އިދިިކޮޅު ފަރާތްތަކުން ގދ. ތިނަދޫގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވަނިކޮށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އިންވެސް އެރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް 'ސަން' އަށް ވިދާޅުވީ، ތިނަދޫގައި ބާއްވާ ޖަލްސާއަކީ، ބޮޑު ޖަލްސާއަކަށް ވާނެ ކަމަށާއި، އެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ދެކުނު އަތޮޅެއްގަ ބޭއްވޭ އެންމެ ބޮޑު ޖަލްސާއަކަށް މި ޖަލްސާ ހެދުމަށް،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، އެ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ އިސް ބޭފުޅުން އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ތިނަދުއަކީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތާއީދު ކުރާ އަދި ރައީސް ޔާމީން ތިނަދޫއަށް ހޯދައިދިން ތަރައްގީ ބަލައިގަންނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އެހެންކަމުން އެ ޖަލްސާގައި ތިނަދޫ ރައްޔިތުން ތަފާތެއް ދައްކުވައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ޚަލީލު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އުއްމީދު އެބަ އޮތް، ތިނަދޫ ރައްޔިތުން ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުމަށްޓަކައި، ޖަލްސާގައި ބޮޑުތަނުން ތަފާތުތަކެއް ދައްކައިދެއްވާނެ ކަމަށް،" ހަލީލް ވިދާޅުވި އެެވެ.
އިއްޔެ ވަނީ ތިނަދޫގައި އިދިކޮޅު ފަރާތްތަކާއި ޕީޕީއެމްގެ ސަޕޯޓަރުންނާ މެދު ކުރިމަތިލުމެއް ހިނގާފައެވެ. އެ ހަމަނުޖެހުން ހިނގީ އިއްޔެ އިރުއޮއްސުނު ވަގުތު ޕީޕީއެމްގެ އިސް ވަފުދެއް ތިނަދޫއަށް ފައިބައިވަޑައިގެންނެވި ވަގުތު، ސަރުކާރާ ދެކޮޅު ސަޕޯޓަރުންތަކެއް މަލާމާތް ރައްދުވާ ބެނާއެއް ހިފައިގެން "މަރުހަބާ" ކިޔަން އުޅުމުން ޕީޕީއެމްގެ ސަޕޯޓަރުން އެކަމާ ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.