23 Nov 2017, 11:33
ރާއްޖޭގެ ފަތުރުވެރިކަމަކީ އެ ސިނާއަތަކަށް މިއަދު ގިނަ ބަޔަކު ބަރޯސާ ވެފައިވާ މުހިންމު ސިނާއަތެކެވެ. އެކި ފަންތީގެ ގިނަ ރިސޯޓްތަކާއި ހޮޓާތައް އުފެދި ހުޅުވިގެންދާއިރު ރާއްޖޭގެ ފަތުރުވެރިކަން މިއަދު ދެކެމުން މިދަނީ ބަހާރު މޫސުމެވެ.
ހަމައެއާކު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރާ ދިވެހި ފަރާތްތައް ވެސް ވަކި މަދެއް ނޫނެވެ. ބޭރު ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބުރޭންޑުތަކުން ބަލައިގަތްފައިވާ ދިވެހި ކުންފުނިތައް އެބަ ހުއްޓެވެ.
ނަމަވެސް ތަފާތު އުފެއްދުންތެރި ހިޔާލުތައް ބޭނުން ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރާ ދިވެހި ކުންފުނިތައް އިނގިލިތަކުން ގުނާލެވޭހާ މަދެވެ. އެފަދަ މަދު ފަރާތްތަކުގެ ލިސްޓަށް އެންމެ ފަހުން ތައާރަފްވި ބްރޭންޑަކީ "ޕިކް މޯލްޑިވްސް" އެވެ.
މޮޅު ނަމެއް، މޮޅު ކަމެއް
ނަމުން ވެސް ވިސްނައިގަނެވޭ ގޮތަށް، ޕިކް މޯލްޑިވްސްގެ ދެ އަމާޒެއް ވެއެވެ. ނަމުގެ ފުރަތަމަ ލަފުޒު "ޕިކް" އަކީ އިނގިރޭސި ބަހުން "ޕިކްޗާ" ކުރުކޮށްލީމަ ކިޔާ ގޮތެވެ. އެހެންކަމުން ތަސްވީރު ތަކާއި ހިތްގައިމު މަންޒަރުތައް ޔަގީނުން ވެސް މިކަމުގައި ހިމެނެ އެވެ.
"ޕިކް" މި ލަފުޒުން ދޭހަވާ އަނެއް މާނައަކީ އެއްޗެއް ހޮވުން ނުވަތަ ނެގުމެވެ. މިއީ ނަމާއި ވަރަށް މުނާސަބު ކަމެކެވެ. ޗުއްޓީ ހޭދަކޮށްލާނެ މަންޒިލަކަށް ރާއްޖެ ހިޔާރު ކުރަންވީ ސަބަބުތައް މިކަމުން ބަޔާން ކޮށްދޭތީ އެވެ.

ޕިކް މޯލްޑިވްސް އާއި ޑީއެޗްއެލް އިން ސޮއި ކުރުން -- ފޮޓޯ: ޕީއެސްއެމް
ޖުމްލަކޮށް ބުނާނަމަ ޕިކް މޯލްޑިވްސް އަކީ ބިޒްނަސް ޓު ކަސްޓަމާ އިނިޝިއޭޓިވްއެއް ގޮތަށް، ސީދާ ކަސްޓަމަރުންނަށް ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ތަފާތު ބްރޭންޑެ ކެވެ.
ރާއްޖެ އިސްތިހާރު ކުރުމަށް އުފެއްދިންތެރި ހިޔާލަކާއެކު އުފެއްދި އެ ބްރޭންޑުގެ ތެރެއިން އެންމެ ފުރަތަމަ ކުރެވޭ އެއް ކަމަކީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހިތްގައިމު ވާހަކައެއް ކިޔައިދިނުމެވެ.
"ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް"ގެ ނަމުގައި ނެރޭ ފޮޓޯ ފޮތަކީ ރާއްޖެއަށް، ފަތުރުވެރި ތަންތަނުގެ ފޮޓޯއާއެކު، ޒިޔާރަތް ކުރާ ފަތުރުވެރިން އެތަންތަނާ މެދު ދެކޭގޮތް ބަޔާންކޮށް ލިޔެފައި ހުންނަ ރިވިއުތަކާއި އެކު ނެރުމަށް ހަމަޖެހިފައިވާ ފޮތެކެވެ.
ސުވެނިއާ ކޮލިޓީގައި މުޅި ދުނިޔެއަށް
ޕިކް މޯލްޑިވްސް އިން ތައާރަފް ކުރާ ފޮޓޯ ފޮތާ ގުޅޭގޮތުން އެ ތަފާތު ހިޔާލު ވުޖޫދަށް ގެނައި އަދި ޕިކް މޯލްޑިވްސްގެ ފައުންޑަރު ރިއާޔަތު އަބްދުލްމަޖީދު ވިދާޅުވީ، ޕިކް މޯލްޑިވްސްގެ ފޮޓޯ ފޮތުގައި އެތައް ހާއްސަ ކަމެއް ހިމެނޭނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އެ ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ސުވެނިއާ ކޮލިޓީގައި ކަމެވެ.
ރިއާޔަތު ވިދާޅުވީ، ޓާގެޓް އޯޑިއެންސް ތަކަކަށް އެ ފޮތް ބެހުމަށް ހަމަޖެހިފައިވަނީ ތިން ގޮތަކަށް ކަމަށެވެ.
"ޕްރިމިއަމް ޑިސްޓިރިބިއުޝަންގައި ދުނިޔޭގެ ވަރުގަދަ ބްލޮގަރުންނާއި، ސޯޝަލް މީޑިޔާގެ ނުފޫޒުގަދަ މީހުންނާއި ވީއައިޕީ ޓްރެވެލް ޖާނަލިސްޓުން ހިމެނޭގޮތަށް 2000 އަށްވުރެ ގިނަ ފަރާތްތަކަށް، ލޮޖިސްޓިކްސްގެ ދުނިޔޭގެ އެއްވަނަ ކުންފުނި ޑީއެޗްއެލް މެދުވެރިކޮށް، ވީއައިޕީކޮށް ފޯރުކޮށް ދެވޭނެ،" ރިއާޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނެއް ދެ ގޮތަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބައިނަލްއަގުވާމީ ބޮޑެތި ޓްރެވަލް ފެއާތަކުގައި އާއްމުންނަށް ހުޅުވައިލައި ދުވަސްތަކުގައި އެ ފޮތް ބެހުމާއި ދުނިޔޭގެ އެކި ބައްރުތަކުން ހޮވާލެވޭ 20 ގައުމެއްގައި ޕިކް މޯލްޑިވެސްގެ ސަފީރުން މެދުވެރިކޮށް ފޮތް ބެހުން ކަމަށެވެ.

ޕިކް މޯލްޑިވްސް އާއި މޯލްޑިވްސް ޓީވީން ސޮއި ކުރުން -- ފޮޓޯ: ޕީއެސްއެމް
ބްރޭންޑާއެކު ބޮޑެތި ޕާޓްނަރުންތަކެއް
ޕިކް މޯލްޑިވްސް ވުޖޫދަށް އައިތާ މާ ގިނަ ދުވަސްތަކެއް އަދި މިހާތަނަށް ނުވި ނަމަވެސް، އެ ބްރޭންޑުން މިހާރު ވެސް ވަނީ ރާއްޖޭގެ ބޮޑެތި ފަރާތްތަކެއް އިތުބާރު ހޯދާފައެވެ.
އެގޮތުން މިހާރުވެސް ޕިކް މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރުންގެ ގޮތުގައި ތިން ފަރާތެއް ހަމަޖައްސައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ޑީއެޗްއެލް، ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ މޯލްޑިވްސް ޓީވީ އަދި އެމް ސެވަން ޕްރިންޓެވެ.
ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އޮންލައިން މީޑިއާ ސަޕޯޓް ފޯރުކޮށްދިނުމަށް ސަން މީޑިއާ ގްރޫޕުގެ ސަން އޮންލައިން ހަމަޖައްސާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ބޭރަށް ގެންގޮސްދޭ އެންމެ ބޮޑު އެއް ކުންފުނި މަޓާޓޯ ވެސް ވަނީ ޕިކް މޯލްޑިވްސްގެ ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
ރިއާޔަތު ވިދާޅުވީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި މިމަހު ކުރިއަށް ދިޔަ ވޯލްޑް ޓްރެވަލް މާކެޓްގައި މަޓާޓޯއާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން އަންނަ އަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕްރިންޓް މީޑިއާ ޕާޓްނަރަކަށް ޕިކް މޯލްޑިވްސް ހަމަޖައްސާފައިވާ ކަމަށެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2018އިގެ ޕްރިންޓް މީޑިއާ ޕާޓްނަރަކަށް ޕިކް މޯލްޑިވްސްއިން ސޮއި ކުރުން -- ފޮޓޯ: ޕީއެސްއެމް
އަދި ކުރިއަށް އޮތް ތަނުގައި އިތުރު ޕްރިމިއަމް ޕާޓްނަރުންނާއި ސަޕޯޓިން ޕާޓްނަރުން ޕިކް މޯލްޑިވްސްއާ ގުޅިގެންދާނެކަން ރިއާޔަތު ފާހަގަ ކުރެއްވި އެވެ.
"ޕިކް މޯލްޑިވްސް އިން އިސްނަގައިގެން ފެށި މި މަސައްކަތުގައި، ޕިކް މޯލްޑިވްސްގެ ފޮޓޯ ފޮތުގައި ރިސޯޓްތަކާއި ހޮޓެލް ތަކާއި ލިވަބޯޑްތައް އަދި ގެސްޓްހައުސްތައް ވެސް ދަނީ ބައިވެރިވަމުން. ފޮތުން މިކުރެވޭ މަސައްކަތުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މި ބްރޭންޑުން ދުނިޔޭގެ ހުރިހާ ހިސާބަކަށް ރާއްޖޭގެ ރީތި މަންޒަރުތައް ފޯރުކޮށްދޭން ޕިކް މޯލްޑިވްސް އޮތީ ތައްޔާރަށް،" ރާއްޖޭގެ އެންމެ ދުވަސްވީ އެއް މެގަޒިން 'މިސްކް މެގަޒިން' ގެ ވެސް ފައުންޑަރ ރިއާޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، "ޕިކް މޯލްޑިވްސް ޕިކްޗަރ ސްޓޯރީބުކް" އަކީ ފޮތެއް ނަމަވެސް ބްރޯޑްކާސްޓް މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެ ފޮތުގައި ބައިވެރިވާ ފަރާތްތައް އިސްތިހާރު ކުރާނެ ކަމަށެވެ.
އަދި ޕިކް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓުގައި ފޮތުގެ ޑިގިޓަލް ވާޝަނެއް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ޕިކް މޯލްޑިވްސް ޕިކްޗަރ ސްޓޯރީ ބުކް" އެންމެ ފުރަތަމަ ބަހަން ހަމަޖެހިފައިވަނީ އަންނަ މާޗް މަހު ޖަރުމަނުގެ ބާލިންގައެވެ. ޕިކް މޯލްޑިވްސްގެ އީމެއިލް އަކީ[email protected]އެވެ.