ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ވީބީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މެޗުގެ ބޮޑު ބައެއްގައި 10 ކުޅުންތެރިންނާއެކު ކުޅެ ވެލެންސިޔާއީން ވީބީއާ ޑްރޯ ކޮށްލައިފި އެވެ. ދެ ޓީމް އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗްގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބިފައި ވާކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ވެލެންސިޔާގެ ޑިފެންޑަރު އަހުމަދު މުޖްތަބާ )ފެސްކޯއަށް( ރަތް ކާޑު ދައްކާ ދަނޑުން ފޮނުވައިލުމުން 10 ކުޅުން ތެރިންނާއެކު ކުޅުނު ވެލެންސިޔާގެ ނުރައްކާތައް ވީބީއަށްވުރެ، ފާހަގަ ކޮށްލެވުނެވެ.

ގްރޫޕް އޭގެ މިދެޓީމް އިއްޔެ އެއް ވަރުވުމުން، ހަތަރު ޕޮއިންޓާއެކު ވީބީ އޮތީ ގްރޫޕްގެ އެއްވަނާގަ އެވެ. ދެ ޕޮއިންޓާއެކު ދެ ވަނާގާއި ވެލެންސިޔާ އޮތް އިރު، ތިން ވަނާގައި އޮތް މާޒިޔާއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް އޭވައެލްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.


މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާއެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ބީ ފަޅިން ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 16:40 ގައެވެ.