ކެރިއަރުގައި ލޯބީގެ އެއްވެސް ފިލްމެއް ކުޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބޮލީވުޑްގެ ކުޅަދާނަ ބަތަލު ރަންބީރު ކަޕޫރު ބުނެފި އެވެ.

ރަންބީރު ބުނީ އޭނާ އެންމެ ފަހުން ކުޅުނު "ޖައްގާ ޖާސޫސް" އަކީ ވެސް ލޯބީގެ ފިލްމެއް ކަމަށާއި އެ ފިލްމް ވަނީ ފްލޮޕްވެފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކެރިއަރުގައި އޭނާ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"ދެން ލޯބީގެ ފިލްމްތަކަކުން ނުފެންނާނެ ކަމަށް ބެލެވެނީ. މިހާރު ވެސް ޑައިރެކްޓަރުން އާދޭ ފިލްމްގެ ސްކްރިޕްޓް ހިފައިގެން. އެކަމަކު ވެސް ލޯބީގެ ފިލްމެއްވީމާ ދޫކޮށްލަނީ. އަހަރެން ދެން ކުޅޭނީ މުޅިން ވެސް ތަފާތު ކެރެކްޓާތަކުގެ ފިލްމްތައް،" އޭނާ ބުންޏެވެ.

ރަންބީރު މިހާރު ކުރަމުން އަންނަނީ އަޔާން މުރަކުޖީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް "ބްރަހްމަސްތްރަ" އެވެ. ފިލްމުގައި ރަންބީރާ އެއްކޯސް ފެނިގެންދާނީ ކުޅަދާނަ ބަތަލާ އާލިއާ ބަޓް އެވެ.

ރަންބީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމުންނެވެ.

ރަންބީރު ކަޕޫރު ބޮލީވުޑަށް ތައާރަފްް ވެފައި ވަނީ 2007 ވަނަ އަހަރު ނުކުތް "ސާވަރިޔާ" އިންނެވެ.