23 Nov 2017, 09:55
ޗެލްސީގެ ތަރި އެޑެން ހަޒާޑްގެ ހިތުގައި ރެއާލް މެޑްރިޑަށް ހާއްސަ ޖާގައެއް ދެވިފައި ވީނަމަވެސް ޕްރިމިއަރ ލީގުގެ ކްލަބަށް އޭނާ ކުޅެމުން ދަނީ ވަރަށް ހިތްހަމަޖެހިގެން އުފަލުން ހުރެކަމަށް އޭނާ ބުނެފިއެވެ.
ފްރާންސްގެ ލިލް އިން 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު، މިހާރު އުމުރުން 26 އަހަރުގެ ބެލްޖިއަމް މިޑްފީލްޑަރު ރެއާލަށް ބަދަލުވެދާނެކަމުގެ އަޑުތައް ދޭތެރެ ދޭތެރޭން އިވެއެއެވެ. އަދި ހަޒާޑްވެސް ވަނީ އޭނާ ރެއާލަށް ޝައުގުވެރި ވާ ވާހަކައާއި އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާންއާ އެކު މަސައްކަތް ކުރާހިތްވާ ކަމަށް ކުރިން ބުނެފައެވެ.
މިސީޒަންގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ، ހަޒާޑް ވަނީ ސީޒަންގެ މިހާތަނަށް ހުރިހާ މުބާރާތެއް ހިމެނޭގޮތަށް 15 މެޗުން 6 ލަނޑު އަދި 5 އެސިސްޓް ހަދައިފައެވެ.
"އަހަރެން އަބަދުވެސް މި ކްލަބުގައި ހުންނަނީ ވަރަށް އުފަލުން. އަހަރެންގެ ކޮންޓްރެކްޓް ހަމަވާން އަދި ބާކީ ދެ އަހަރު އެބައޮތް. އަހަރެން އެހެން ކްލަބަކަށް ދާން ވެއްޖިއްޔާ ދާނަން. އެކަމަކު މިހާރު އަހަންނަކީ ޗެލްސީ ކުޅުންތެރިއެއް،" ޗެނަލް ޕްލަސްއަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުންޏެވެ.
ހަޒާޑް ބުނީ، ރެއާލާ މެދު އޭނާގެ ހިތުގައި އޮންނަ ޝައުގުވެރިކަމަކީ ސިއްރެއް ނޫން ކަމަށާއި އެހެން ނަމަވެސް ޗެލްސީ ދޫކޮށްލަން އެއްގޮތަކަށް ވެސް އަދި ވިސްނާފައި ނުވާ ކަމަށެވެ.
"ޕެރިހުގައި ހުރި އިރު ލިލް އިން އަހަރެން ދާން އުޅޭ އަޑުތައް ފެތުރުނު އެކަމަކު ނުދަން. ހަމަ އެގޮތަށް މިހާރު ޗެލްސީ ދޫކޮށް ދާން އުޅޭ ވާހަކަ މި އިވެނީ. މީހުން އަބަދުވެސް އެފަދަ ވާހަކަތައް ދައްކާ."
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އެފްކޭ ގަރަބާގް އަތުން 4-0 އިން މޮޅުވެ މުބާރާތުގެ ގަދަ 16އިން ޗެލްސީ ޖާގަ ހޯދިއިރު އެމެޗުގައި ވެސް ހަޒާޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.