ޗެންނާއީ (ނޮވެމްބަރު 23): އިންޑިއާގެ ޗެންނާއީގައި ހުންނަ ސަތުޔަބާމާ ޔުނިވާސިޓީގެ ދަރިވަރަކު އަމިއްލައަށް މަރުވުމާ ގުޅިގެން ރޭ އެޔުނިވާސިޓީގައި މުޒާހަރާކޮށް، ކެމްޕަހުގައި ރޯކޮށްލައިފި އެވެ.

ކޮމްޕިއުޓާ ސައިންސް ކިޔަވާ އުމުރުން 18 އަހަރުގެ ދަރިވަރަކު ދަންޖެހިގެން މަރުވީ އެކުއްޖާ ޓެސްޓުގައި ކޮޕީ ކުރަނިކޮށް، ޓީޗަރުންނަށް އެކަން އެނގިގެން އިމްތިހާނު ހަދާ ހޯލުން ފޮނުވާލި ފަހުންނެވެ. އަދި އެ ކުއްޖާ ކޮޓަރީގައި ދަންޖެހިފައި ހުއްޓައި ފެނުނީ އޭނާގެ ކޮއްކޮއަށާއި ދެ އެކުވެރިންނަށް ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

އެކުއްޖާގެ މަރުގެ ހަބަރު ފެތުރުމާ އެކު ސަތްޔަބާމާ ޔުނިވާސިޓީގައި މުޒާހަރާތައް ފެށުނެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޔުނިވާސިޓީގެ ދަނާލުގައި ހުންނަ ގޮދަޑިތަކާއި ފަރުނީޗަރުގައި ރޯކޮށްފައިވެ އެވެ. އަދި މުޒާހަރާ ކުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެކުއްޖާ އަމިއްލައަށް މަރުވީ ޔުނިވާސިޓީގެ މުވައްޒަފުން އޭނާ ލަދުގަންނަލަވާލުމުގެ ސަބަބުންނެވެ.

މިއަދު ހެނދުނު ޗެންނާއީގެ ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލައި އަލިފާން ނިއްވާލައިފަ އެވެ. އަދި އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ސަތްޔަބާމާ ޔުނިވާސިޓީގެ ހަރުކަށި ގަވާއިދުތަކާ ދެކޮޅަށް މީގެ ކުރިން ވެސް އެޔުނިވާސިޓީގައި ހަމަނުޖެހުންތައް ހިންގައި، ހޮސްޓެލްގައި ރޯކޮށްފައިވެ އެވެ. އެގޮތުން ޔުނިވާސިޓީގެ ދަރިވަރުން ހެދުން އަޅަން ޖެހޭ ގޮތާއި އެއް ޖިންސުގެ ދަރިވަރުން އަނެއް ޖިންސުގެ ދަރިވަރުންނާ ވާހަކަ ދެއްކުން ހުއްޓުވުމަށް ހަދާފައިވާ ގަވާއިދުތަކާ ދެކޮޅަށް ދަރިވަރުން މުޒާހަރާކޮށްފައިވެ އެވެ. (އެންޑީޓީވީ)