ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލް އަތުން ބަލިވެ، މެންޗެސްޓަ ޔުނައިޓެޑަށް މުބާރާތުގެ 16ގެ ޖާގައެއް ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ބާސެލްގެ ދަނޑުގައި ކުޅުނު އެ މެޗުން ޔުނައިޓެޑް ބަލިވީ 0-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ވެސް 12 ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއްވަނާގައި އޮތީ ޔުނައިޓެޑެވެ. ގްރޫޕްގެ ދެވަނާގައި އޮތް ބާސެލް އަދި ތިންވަނާގައި އޮތް ސީއެސްކޭއޭ މޮސްކޯ އަށް ވެސް ނުވަ ޕޮއިންޓެވެ. ގްރޫޕު ފަހު މެޗުގައި ސީއެސްކޭއޭ މޮސްކޯ އަތުން މަދުވެގެން ޕޮއިންޓެއް ހޯދައިގެން ޔުނައިޓެޑަށް ގަދަ 16ގެ ޖާގަ ކަށަވަރު ކުރެވޭނެ އެވެ.

އެ މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ވަނީ ބޭކާރު ވެފަ އެވެ. އެެގޮތުން އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައި މާކޮސް ރޮހޯ އާއި މަރޮއަން ފެލައިނީ ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފްގައި ބާސެލް އިން ވަނީ ކުޅުން ރަނގަޅު ކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން މެޗުގެ 89 ވަނަ މިނެޓްގައި މައިކަލް ލޭންގް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ މެޗުން ބާސެލް މޮޅުކޮށްދީފަ އެވެ.

މިއީ ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗެވެ.