އެއްފަހަރާ އަދި ކުއްލި އަކަށް ގިނަ ޓެކްސްތަކެއް ތައާރަފުކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ] މަޓީ[ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހިމް މުހައްމަދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ރިސޯޓްތަކުން ނަގާ ޓޫރިޒަމް ޖެނަރަލް ސޭލްސް ޓެކްސް ]ޓީޖީއެސްޓީ[ގެ ގޮތުގައި ނަގާ 3.5 ޕަސެންޓްގެ ޓެކްސް މި އަންނަ އަހަރު ހަ ޕަސަންޓަށް ބޮޑުކޮށް، އަދި ވިދިގެން އަންނަ އަހަރު އެ އަދަދު 10 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން މަޝްވަރާ ކުރާ ކަމަށާއި އަދި ވިޔަފާރީގެ ފައިދާގެ ޓެކްސް އާއި ޖެނެރަލް ސޭލްސް ޓެކްސް ]ޖީއެސްޓީ[ގެ އިތުރަށް އިންކަމް ޓެކްސް ތައާރަފު ކުރުމަކީ އޭގެ ވަރަށް ބޮޑު ނޭދެވޭ އަސަރު، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީ އަށް ކުރާނެ ކަމެއް ކަމަށެވެ.

ސިމް ވިދާޅުވީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއަކީ ވެސް މައިގަނޑު ގޮތެއްގައި ޓޫރިޒަމާ ވަރަށް ބޮޑަށް ލާމެހިފައިވާ ވިޔަފާރިއަކަށް ވާތީ، ޖީއެސްޓީ އަކީ ވެސް ވަރަށް ބޮޑަށް ޓޫރިޒަމް އިންޑަސްޓްރީން ނެގޭނެ ޓެކުހަކަށް ވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ސަރުކާރުގެ ބަޖެޓަކީ ޑެފިސިޓް ނެތް ބަޖެޓަކަށް ހެދުމަށް، އެ ޓެކްސްތަކުގެ އިތުރަށް އިންކަމް ޓެކްސް ތައާރަފު ކުރުމަކީ ވިޔަފާރިވެރިންނަށް ބަރުދާސް ކުރެވޭ ވަރަށް ވުރެ ބޮޑު ބުރައަކަށް ވާނެ ކަމަށެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑެތި ވިޔަފާރިވެރިން ތަމްސީލު ކުރާ މަޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޓެކްސް ނެގުމަކީ މަޓީގެ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް މަޓީގެ ކަންބޮޑުވުމަކީ އެއްފަހަރާ ގިނަ ޓެކްސްތަކެއް ތައާރަފު ކުރުން ކަމަށެވެ. އަދި ވިދާޅުވީ ނަގާ ޓެކުހުގެ އަދަދު ބޮޑުވުމަކީ ވެސް "ވިޔަފާރިވެރިން މާޔޫސް ކުރުވާ" ކަމެއް ކަމަށެވެ.

ސިމް ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ޕެންޝަން ސުކީމަށް ދައްކާ ފައިސާގެ 7.5 ޕަސެންޓަކީ ގާނޫނުގައިވާ ގޮތުގެ މަތީން ކުންފުނިތަކުން ދައްކާ ފައިސާއެއް ކަމަށާއި އަދި ގިނަ ރިސޯޓްތަކުން މުވައްޒަފުން ދައްކާ 7.5 ޕަސެންޓް އެ މުވައްޒަފުން ނުދެއްކުމުން އެބައި ވެސް ދައްކަން ޖެހެނީ ރިސޯޓްތަކުން ކަމަށާއި އެއީ ވެސް ހުރިހާ ޓެކްސްތަކާ އެކު ވިޔަފާރިތަކަށް ކުރިމަތިވާ އިތުރު ބުރައެއް ކަމަށެވެ.

އިންކަމް ޓެކްސްގެ އިތުރު މައްސަލައެއް ވެސް މަޓީގެ ސެކްރެޓަރީ ޖެނެރަލް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އިންކަމް ޓެކުހާ އެކު ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ބޮޑެތި މުސާރަ ލިބޭ ބިދޭސީންގެ އަތުން ޓެކްސް ނެގުމަކީ އެ މީހުންގެ ޓެކްސް ޑަބަލްވާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ވެސް ގޮންހެންތަކަކާ ކުރިމަތިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޓެކްސް ބިލްތަކާ ބެހޭ ގޮތުން މަޖިލީހުގެ ކޮމެޓީތަކުން މަޓީއާ މަޝްވަރާ ކުރި ކަމަށާއި ނަމަވެސް އެ ގާނޫނުތައް ތައާރަފު ކުރާ އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެފަދަ ގާނޫނުތައް ތައާރަފު ކުރުމުން އޭގެ ފައިދާ އާއި ގެއްލުމުގެ މައްޗަށް ފުންކޮށް ނަޒަރު ހިންގުމަކީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.