23 Nov 2017, 08:57
ޓީވީ އެކްޓަރުން ކަމުގައިވާ ކިރަން ކަރްމާކަރް އަދި ރިންކޫ ދަވަން އަކީ ހިންދީ ޑްރާމާ ސީރީޒް ތަކަށް ލޯބިކުރާ ފަރާތްތަކަށް އާ ބަޔަކަށް ނުވާނެއެވެ. ކާމިޔާބު ޑްރާމާ 'ކަހާނީ ގަރް ގަރް ކީ' ގައި ދެބެންގެ ރޯލުން ފެނިގެން ދިޔަ ދެ ފަންނާނުން ވަނީ ފަހުން ކައިވެނިކޮށްފައެވެ.
ނަމަވެސް ޚަބަރުތައް ބުނާގޮތުން 15 އަހަރުވީ ކައިވެނި ރޫޅާލުމަށް ދެމީހުން މިވަނީ ނިންމައިފައެވެ. ބޮމްބޭ ޓައިމްސްގައި ބުނެފައި ވަނީ ދެމީހުން ވަރިވާން ނިންމީ ދެމީހުންގެ ދެމެދުގައި ހައްލު ނުކުރެވޭ ގިނަ މައްސަލަތަކެއް ޖެހެން ފެށުމުންނެވެ.
އެހެންކަމުން ދެމީހުން ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެ މީހުން ގަބޫލު ކުރާތީ، މިހާރު ވަރިވާން ކޯޓަށް ހުށަހަޅަން ނިންމައިފައި ވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދެމީހުންގެ 15 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައިފައި ވާއިރު، ފުރާވަރު އުމުރުގެ ކުއްޖަކު ވެސް އެބަ ހުއްޓެވެ. ދެމީހުން ވަރިވާން ނިންމީ ވެސް ދަރިފުޅުގެ މުސްތަގުބަލަށް ވިސްނާފައި ކަމަށް ވެއެވެ.
ދެމީހުން ވަރިއަށް ހުށަހަޅަން ނިންމައިފައި ވަނީ އަހަރެއްހާ ދުވަސް ވަންދެން ވަކިން ދިރިއުޅުމަށްފަހު އެވެ.
ކިރަން އާއި ރިންކޫ ބައްދަލުވީ 'ކަހާނީ ގަރް ގަރް ކީ' ގެ ސެޓުންނެވެ. އެ ޑްރާމާގައި ދެމީހުން ކުޅުނީ އެއްބަނޑު އެއްބަފާ ދެބެންގެ ރޯލެވެ. ކައިވެންޏަށް ފަހު ކިރަން ވަނީ އިތުރު ޓީވީ ޑްރާމާތަކުގެ އިތުރުން ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ. އަދި ރިންކޫ ވެސް ވަނީ 'ސްވާބިމާން' އަދި 'ޔެ ވާދާ ރަހާ' ފަދަ ޑްރާމާތަކުން ފެނިގެން ގޮސްފައެވެ.