ބަޔާން މިއުނިކާއި ބާސެލޯނާ އިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި އަންޑާލެހްޓްގެ މައްޗަށް ބަޔާނުން ކުރި ހޯދާފައި ވަނީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ.

އެ މެޗުގެ 51 ވަނަ މިނެޓުގައި ބަޔާނަށް ރޮބާޓް ލެވަންޑޮސްކީ ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 63 ވަނަ މިނެޓުގައި ސޮފިއާން ހާނީ ވަނީ އަންޑާލެހްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ބަޔާން އަލުން ލީޑު ހޯދައިދިނީ ކޮރެންޓިން ޓޮލީސޯ އެވެ.

އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި 7-1 ލަނޑުގެ ނަތީޖާއަކުން ސެލްޓިކްގެ މައްޗަށް ޕީއެސްޖީ އިން ވަނީ ކުރި ހޯދައިފައެވެ. މެޗު ފެށިތާ އެއް މިނެޓު ތެރޭ ސެލްޓިކަށް މޫސާ ޑެމްބޭލޭ ލީޑު ހޯދައިދިން ނަމަވެސް، ޕީއެސްޖީން ވަނީ ސެލްޓިކް ކޮޅަށް ހަތް ލަނޑު ޖަހައިފައެވެ. ޕީއެސްޖީން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ނޭމާ އާއި އެޑިންސަން ކަވާނީ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ކީލިއާން އެމްބާޕޭ އާއި މާކޯ ވެރާޓީ އަދި ޑަނީ އަލްވޭސް އެވެ.

'ގްރޫޕް ބީ'ގައި ކޮންމެ ޓީމެއް ވެސް ބާކީ އެއް މެޗު ކުޅެން އޮތް އިރު، އެ ގްރޫޕުން ގަދަ 16ގެ ޖާގަތައް ހޯދާފައި ވަނީ ޕީއެސްޖީ އާއި ބަޔާން އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތް ޕީއެސްޖީއަށް 15 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ބަޔާނަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސެލްޓިކަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އަންޑާލެހްޓަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ރަށުން ބޭރުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު 'ގްރޫޕް ޑީ'ގެ މެޗުން ހޯދި ޕޮއިންޓާ އެކު ބާސާ އިން ވަނީ ގަދަ 16ގެ ޖާގައެއް ހޯދައިފައެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފުރަތަމަ 11އަށް ބޮޑު ބަދަލުތަކެއް ގެނެސްގެން ކުޅެމުންދިޔަ ބާސާ އިން އެ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން ބާސާގެ އިވާން ރަކިޓިޗް އާއި ލުއިސް ސުއަރޭޒަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.

އެ ގްރޫޕުގެ އެއް ވަނައިގައި އޮތް ބާސާއަށް 11 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ޔުވެންޓަސްއަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕޯޓިންއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް އޮލިމްޕިއާކޯސްއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެވެ.

'ގްރޫޕް އޭ'ގައި ރޭ ކުޅުނު މެޗުގައި ފަހު ވަގުތު ބާސެލް އަތުން ބަލިވުމާ ގުޅިގެން ޔުނައިޓެޑަށް ވަނީ ގަދަ 16ގެ ޖާގައަކަށް އިތުރަށް އިންތިޒާރު ކުރަން ޖެހިފައެވެ. އެ މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ރޭ ބާސެލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ޔުނައިޓެޑްގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ އާއި ޑިފެންޑަރު މާކޮސް ރޮހޯ އަދި ބެލްޖިއަމް މިޑްފީލްޑަރު މާރުއާން ފެލައިނީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. އެ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ބާސެލްއަށް ލީޑު ހޯދައިދިނީ މައިކަލް ލޭންގް އެވެ.

އެ ގްރޫޕުގެ އެއް ވަނައިގައި އޮތް ޔުނައިޓެޑަށް 12 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ބާސެލް އާއި ތިން ވަނައިގައި އޮތް ސީއެސްކޭއޭ މޮސްކޯއަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ބެންފީކާއަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އެ ގްރޫޕުން ގަދަ 16ގެ ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުވާނީ ގްރޫޕުގެ ފަހު މެޗުތަކަށް ފަހު އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ބަލިވުމުން ރޯމާއަށް ވެސް ވަނީ ގަދަ 16ގެ ޖާގައަކަށް އިތުރަށް އިންތިޒާރުކުރަން ޖެހިފައެވެ. އެ މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އާއި ކެވިން ގެމޭރޯ އެވެ.

އެ ގްރޫޕުގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައިވާ ހަމައެކަނި ޓީމަކީ ޗެލްސީ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތް ޗެލްސީއަށް ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ރޯމާއަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. އެތުލެޓިކޯއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ގަރަބާގްއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.