23 Nov 2017, 01:13
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ގަރަބާގް ބަލިކޮށް، ޗެލްސީ އިން ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި ގަރަބާގްގެ މައްޗަށް ޗެލްސީ އިން ކުރި ހޯދާފައި ވަނީ 4-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ފޮނުވާލި ހަމަލާ ގަރަބާގްގެ ކީޕަރު އިބްރާހިމް ސެހިޗް މަތަކުރި އިރު، ގަރަބާގްގެ މިޝެލް ފޮނުވާލި ހަމަލާ އަމާޒުވީ ޗެލްސީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ގަރަބާގްއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޗެލްސީގެ ވިލިއަންއަށް ކެޕްޓަން ރަޝާދު ސަޑީގޯވް ކުރި ފައުލާ ގުޅިގެން ރަތް ކާޑެއް ދެއްކުމުންނެވެ. އެ ފައުލާ ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީ، މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ރީތި ކުޅުމަކަށް ފަހު، މެޗުގެ 36 ވަނަ މިނެޓުގައި ހަޒާޑު ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ޗެލްސީގެ ހަމަލާތަކަކަށް ފަހު، މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ފެނިގެންދިޔަ އެވެ. ގަރަބާގްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިލިއަންއަށް މަކްސިމް މެޑްވެޑޭވް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ފެބްރިގާސް އެވެ.
ޗެލްސީގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ޕެޑްރޯ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވިލިއަން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގަރަބާގްގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަކުންނެވެ.
އެ ނަތީޖާއާ އެކު ޗެލްސީއަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފަ އެވެ. 'ގްރޫޕް ބީ'ގެ އެއް ވަނައިގައި އޮތް ޗެލްސީއަށް ފަސް މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ރޯމާއަށް ހަތަރު މެޗުން ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ގަރަބާގްއަށް ފަސް މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެ ގްރޫޕުގައި މިރޭ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އެތުލެޓިކޯ އާއި ރޯމާ އެވެ.