23 Nov 2017, 08:51
ދުނިޔޭގެ ސެންޓްރަލް ސެކިއުރިޓީސް ޑިޕޮސިޓަރީތަކުގެ ތެރެއިން ހޮވާލެވުނު 5 ފަރާތުގެ ތެރޭގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "އިންފިނިޓީ" ތައާރަފްކޮށް ހިއްސާކޮށްފިއެވެ.
"އިންފިނިޓީ" ތައާރަފްކޮށްފައިވަނީ، ހޮންކޮންގައި ފާއިތުވީ ހަފްތާތެރޭ ބޭއްވުނު ގްލޯބަލް ކޮންފަރެންސް އޮފް ސެންޓްރަލް ސެކިއުރިޓީސް ޑިޕޮސިޓަރީ 2017ގައެވެ. އެ ކޮންފަރެންސަކީ ދުނިޔޭގެ ސެކިއުރިޓީސް ޑިޕޮސިޓަރީތަކުގެ އެންމެ ބޮޑު ބައްދަލުވުމެވެ.
މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ފަރާތުން 'އިންފިނިޓީ' ހުށަހަޅައިދެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އައުޝަން ލަޠީފެވެ.
އިންފިނިޓީއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އައުޝަން ލަޠީފް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ކެޕިޓަލް މާކެޓުގައި އާއްމު ރައްޔިތުން ބައިވެރިކުރުވުމަށް އެންމެ މުހިއްމު އެއް ވަޞީލަތަކީ ޓެކްނޮލޮޖީ ބޭނުން ކުރުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އިންޓަނެޓްގެ ޚިދުމަތް ލިބި، ޓެކްނޮލޮޖީ ބޭނުން ކުރުން އިތުރުވަމުން އަންނަ އިރު މާލީ ދާއިރާވެސް އެއާއެކު ކުރި އަރަން ޖެހޭ ކަމަށް އައުޝަން ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޕަބްލިކް ކުންފުންޏަކުން ހިއްސާ ވިއްކީ ކޮންމެ ރަށަކަށް ވަކިން ކަނޑުމަގުން ދަތުރުކޮށްގެން ކަމަށާއި މިހާރު 'އިންފިނިޓީ' ތާޢަރަފް ކުރުމަކީ އިންގިލާބީ ބަދަލެއް ކަމުގައި އައުޝަން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ހިއްސާގެ ބާޒާރުގައި ބައިވެރިވުން އެތައް ގުނައަކުން ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް އައުޝަން ވިދާޅުވިއެވެ.
"އިންފިނިޓީ" އަކީ ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އިން ތައްޔާރުކުރި ސެލްފް ސަރވިސް އޮންލައިން ޕޯޓަލް އެކެވެ. "އިންފިނިޓީ" ހޮވާލެވުނީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ސެންޓްރަލް ސެކިއުރިޓީސް ޑިޕޮސިޓަރީތަކުގެ ތެރެއިން އުފެއްދުންތެރިކަން ފުޅާކުރުމުގެ ދާއިރާއިންނެވެ.