22 Nov 2017, 19:56
ގދ. ތިނަދޫއަށް ޕީޕީއެމްގެ އިސް ވަފުދެއް ދިއުމުން، އެ ރަށުގައި ތިބި އިދިކޮޅު ފަރާތްތަކާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
ހަމަނުޖެހުން ހިންގާފައި ވަނީ، މިއަދު އިރުއޮއްސުނު ވަގުތު ޕީޕީއެމްގެ އިސް ވަފުދެއް ތިނަދޫއަށް ފައިބައިވެޑައިގެންނެވި ވަގުތު، ސަރުކާރާ ދެކޮޅު ސަޕޯޓަރުންތަކެއް މަލާމާތް ރައްދުވާ ބެނާއެއް ހިފައިގެން "މަރުހަބާ" ކިޔަން އުޅުމުންނެވެ.
އެ ބެނާ އަތުލުމަށްޓަކާ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އިދިކޮޅު މީހުންނާ ދިމާލަށް ގޮސް، މާރާމާރީ ހިންގައިފަ އެވެ. ޕީޕީއެމްގެ ދިދަ ހަރުކޮށްފައި ދަނޑިތަކުން މާރާމާރީ ހިންގާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ އެ މާރާމާރީގައި ބައެއް މީހުންނަށާއި ފުލުހުންނަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން ޕީޕީއެމްގެ ސަޕޯޓަރެއް ހައްޔަރުކޮށްފައިވާ ކަމަށްވެއެވެ.
އެ މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.