މީގެ ފަސް އަހަރު ކުރިން ނ. މާފަރުގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކޮށް، މަރާލި ކަމުގެ ކުށް ސާބިތުވި ދެ މީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ނ. މާފަރު، ހިތްފަސޭހަގޭ ހަސަން އަބޫބަކުރުގެ މަރުގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ، ގ. އިރުފާ އަހްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓު މުހައްމަދު ފައިސަލްގެ މައްޗަށެވެ.

ނައުޝާދަކީ ހަސަން އަބޫބަކުރަށް ދޮންކާފަ ކިޔާ މީހެކެވެ.

އެ ދެމީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ މައްސަލަ އެ ދެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ހައިކޯޓުން އެގޮތަށް ނިންމާފައި ވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ހަސަން އަބޫބަކުރު މަރުވެފައިވަނީ، ނައުޝާދާއި ފައިސަލް ކުރި އަމަލުތަކެއްގެ ސަބަބުން ކަން އެ ދެމީހުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ދެމީހުން އަމަލުކޮށްފައިވާ ގޮތާއި ވަގުތާއި ހާލަތަށް ބަލާއިރު، އެ އަމަލަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ކަމެއް ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އުމުރުން 65 އަހަރުގެ ހަސަން އަބޫބަކުރުގެ އަނގަމަތީގައި ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އަޅައި، އިންސިއުލޭޝަން ޓޭޕުން ދެ އަތްބަދެ މަރާލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ހަސަން އަބޫބަކުރު ދިރިއުޅޭ ގޭގެތެރޭގައި އޭނާ ރަހީނުކުރުމުގެ އަމަލު ހިންގާފައި ވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އެހާކަންހާއިރު އެވެ.

އެ ހުކުމްގައި ވަނީ ދައުވާ އަށް އެ ދެ މީހުން ޝަރީއަތުގެ މަޖިލީހުގައި އިންކާރުކުރި ނަމަވެސް ތަހުގީގުގައި ބަޔާން ނެގުމުގައި އެމީހުންނަށް އެއްވެސް މަޖުބޫރު ކަމެއް ކުރިމަތިކުރުވާފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ އެމީހުން ތަހުގީގުގައި ކިޔައިދީފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ފުލުހުން ހެކިބަސްދީފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ތަހުގީގުގައި އެ މީހުން ކިޔައިދީފައިވާ ވާހަކަތަކަށް ބާރުލިބޭ ހެކިތަކެއް ޝަރީއަތަށް ލިބިފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ މީހުން ހަސަން އަބޫބަކުރު ރަހީނުކޮށް، އެގެއިން 11،500 ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.

ނައުޝާދާއި ފައިސަލް އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ، ކުރިން އަމަލު ކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.