ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ދަރުސަތު ސްޓޭޑިއަމްގައި ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް އޭގައި އިއްޔެ އިންޑިއާ އަތުން ވެސް ބަލިވެ، ސެމީއަށް ދިއުމުގެ ފުރުޞަތު ރާއްޖެއަށް ގެއްލިއްޖެ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗްގައި ޕާކިސްތާން އަތުން 6-0 ލަނޑުން ރާއްޖެ ބަލިވިއރު، އިއްޔެ އިންޑިއާ އަތުން 5-0 ން ބަލިވުމުން، ރާއްޖެއަށް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުޞަތު މުޅިން ގެއްލިފަ އެވެ.

މުބާރާތުގެ ފަސް ވަނަ ޓީމާއި ހަ ވަނަ ޓީމު ކަނޑައެޅުމަށް ކުޅޭ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް ބީގެ ފުލަށް ދާ ޓީމެވެ. ގުރޫޕް ބީގައި ބަންގްލަދޭޝް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެ ގުރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނެ ޓީމެއް އެނގޭނީ ނޭޕާލާއި ސްރީލަންކާ މިއަދު ބައްދަލުކުރާ މެޗުންނެވެ.

ޖުމްލަ ހަ ޓީމު ވާދަކުރާ މި މުބާރާތުގެ، ގުރޫޕް އޭގައި ކުޅެންޖެހޭ މެޗުތައް އިއްޔެ ނިމުނުއިރު، ގުރޫޕުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދައިފައިވަނީ ޕާކިސްތާނެވެ. އަދި ދެވަނަ އިންޑިއާ ހޯދިއިރު، ރާއްޖެއަށް ލިބުނީ ގުރޫޕްގެ ފުލެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން އަދި އިންޑިޔާއާ އެއް ގްރޫޕަކަށް ލައްވާލާފައިވާ އިރު، ދެ ވަނަ ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލެވެ.