ގދ. ތިނަދޫގައި ބަހައްޓާފައިވާ ބޯޑުތަކެއް ނެގުމަށް އެ އަތޮޅު ރަތަފަންދޫ ކޯޓުން އަމުރެއް ނެރެފި އެވެ.

އެ ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، ތިނަދޫގެ އެކި ސަރަހައްދުތަކުގައި ކޯޓުތަކުގެ ހައިބަތު ގެއްލުވާލާ ކޯޓުތަކާ ބެހޭ ގޮތުން ރައްޔިތުންނަށް ނުބައި ތަސައްވަރެއް ދިނުމުގެ މަގުސަދުގައި ލިޔުންތަކެއް ލިޔެ ހަރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ލިޔުންތަކަކީ އަދުލު އިންސާފު ގާއިމް ކުރުުމަށް ދަތިކުރުމަށާއި، ގާނޫނު ހިންގުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތަށް ހުރަސް އެޅުމަށް ހަރުކޮށްފައިވާ ތަކެތި ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.

އެ ލިޔުންތައް ލިޔެފައިވާ ބޯޑުތައް ނެގުމަށް ނެރެފައިވާ އަމުރުގައި ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ފުލުހުން ބުނާ ބުނުމަށާއި، ހަރުކޮށްފައިވާ ބެނާތައް ނުވަތަ ފޯސްޓަރުތައް ކަމަށެވެ.

އެ ބޯޑުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވީ ނަމަވެސް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ، ގާނޫނީ ނުކުތާ ތަކެއް ލިޔެފައިވާ ބޯޑުތަކެކެވެ.