މީގެ ތިން އަހަރު ކުރިން ވަޅިން ހަމަލާދީ މއ. އައިޝާ، ހުސައިން ވަހީދު މަރާލުމުގައި ބައިވެރިވި ކުއްޖަކަށް ޖުވެނައިލް ކޯޓުން އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ހުސައިން ވަހީދު މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު މއ. އައިޝާގޭގެ ކައިރީ އޭނާ ހުއްޓައި 18 އަހަރުން ދަށުގެ ކުއްޖަކު ވަޅިން ދިން ހަމަލާއެއްގެ ސަބަބުންނެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ މައްސަލާގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، މއ. ކިސްމިރީގޭ ކައިރީގައި ވާހަކަ ދައްކަން ތިބުމަށްފަހު އައިޝާގޭގެ ކައިރީ ހުންނަ ކޮފީ ކޯނާ ކައިރިއަށް އެ ކުއްޖާ އިތުރު ބަޔަކާ އެކު ދިޔަކަން އެނގެން އޮންނަ ކަމަށެވެ.

ހުސައިން ވަހީދަށް ހަމަލާދިނުމަށްފަހު އެ ދެ ކުދިން ފިލައިގެން އުޅުކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ހުސައިން ވަހީދަށް ވަޅިން ހަމަލާދިނުމުން ހަމައެވަގުތު ހަމަލާދިން ކުއްޖާ ގޮވައިގެން ސައިކަލްގައި އެ ކުއްޖާ ގޮސްފައިވާ ކަމަށް ތިން މީހަކު ހެކިބަސް ދީފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

އެ ހުކުމްގައި ވަނީ ހުސައިން ވަހީދަށް ހަމަލާދީފައި ވަނީ ބަދަލު ހިފުމުގެ ރޫހު އޮވެގެންކަން ހެކީންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން އެނގެން އޮތުމުން، އެއީ ރުޅިވެރިކަމެއް އޮވެގެން ހަމަލާދިނުމަށް ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް އެނގޭ ކަމަށެވެ. އަދި އޭނާ މަރާލާފައިވަނީ ބާލިޣުވެ ބުއްދިސަލާމަތުން ވާހާލު އެއްވެސް ފަރާތެއްގެ މަޖުބޫރެއްނެތި ގަސްތު އޮވެގެންކަން ޝަރުއީ މިންގަ ނޑުން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.