ލިއޮނަލް މެސީ އަކީ ބާސެލޯނާ ބެޖުގެ ބައެއް ކަމަށާއި އެކަމަކު ކޮންޓްރެކްޓެގެ މުއްދަތު ހަމަވުމުން އޭނާ ބާސާގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދޭން ނޭނގޭ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފި އެވެ.

މެސީއާ އެކު ހަތަރު އަހަރުގެ އެއްބަސްވުމަކަށް އާދެވިއްޖެކަން މިދިޔަ ޖުލައި މަހު ބާސާ އިން ވަނީ އިއުލާންކޮށްފަ އެވެ. އެ ކޮންޓްރެކްޓުގައި މެސީ ސޮއި ކޮށްފައި ނުވާ އިރު، ކޮންޓްރެކްޓްގައި އޭނާ ސޮއިކޮށްފައިވާނެ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މެސީ އެ ކޮންޓްރެކްޓުގައި ސޮއި ނުކޮށްފި ނަމަ، އަންނަ ޖެނުއަރީ މަހުން ފެށިގެން އެހެން ކުލަބުތަކާ ވާހަކަދައްކައި އެއްބަސްވުމަކަށް ދިއުމުގެ އިހްތިޔާރު އޭނާއަށް ލިބޭނެ އެވެ.

ރަކިޓިޗް ބުނީ، ބާސާގައި މެސީ މަޑުކުރަން ބޭނުންވާ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އަންނަ ހޫނު މޫސުމުގައި މެސީ ބާސާގައި ހުންނާނެ ކަމުގެ ޔަގީންކަން ދޭން ނޭނގޭ ކަމަށެވެ.

"މެސީ އަކީ ކުލަބު ބެޖުގެ ބައެއް. އަހަރެން އުންމީދު ކުރަން އޭނާ މަޑުކުރާނެ ކަމަށް. އޭނާ އަކީ ބާސާގެ އެއްބައި. އޭނާ 100 ޕަސެންޓާ އެކު މަޑު ކުރާނެއެކޭ ބުނަން ނޭނގެ. ޓީމު ކުޅުންތެރިއެއްގެ ހައިސިއްޔަތުން އެންމެން ވެސް ބޭނުންވާނީ އޭނާ މަޑުކުރަން." ރަކިޓިޗް ބުންޏެވެ.

ބާސާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ވެސް ވިދާޅުވީ، ހާސްވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށާއި މެސީ ބާސާގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.