22 Nov 2017, 23:01
ދިވެހިރާއްޖެ އާއި ދެކުނު ކޮރެއާގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުން ކުލަގަދަ ކޮށް ފާހަގަ ކުރަން ނިންމައިފިއެވެ.
ސްރީލަންކާގައި ހުންނަ ކޮރެއާގެ އެމްބަސީ އިން ބުނީ ދެ ގައުމުގެ ދެމެދުގައ ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހާޢްސަ ހަފްލާ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ މާލޭގައި އޮންނާނެ ކަމަށެވެ.
އެ ހަފްލާއަށްފަހު ކޮރެއާގެ ޚާއްސަ ކުޅިވަރެއް ކަމަށްވާ "ޓައިކޮވަންޑޯ"ގެ ދައްކައިލުން އޮންނާނެ ކަމަށާއި ރާއްޖޭގެ ބޮޑުބެރު ގުރޫޕް 1438 ގެ ހުށަހެޅުންތައް ވެސް އެ ހަފްލާއިން ފެނިގެންދާނެ ކަމަށް ކޮރެއާ އެމްބަސީން ބުނެއެވެ. އެ އައިޓަމްތައް ކުރިއަށްދާނީ 27 ވަނަ ދުވަހުގެ ރޭ 8:30ގައި އަލިމަސްކާނިވާ ސްޓޭޖްގައެވެ.
"ޓައިކޮވަންޑޯ" ހަރަކާތްތައް ކުރިއަށްގެންދާނީ ކުއްކިވޮންގެ ގްރޫޕަކުންނެވެ. އެ ގްރޫޕަކީ 120އަށް ވުރެ ގިނަ ގައުމުގައި ޓައިކޮވަންޑޫގެ ހަރަކާތްތައް ދައްކާލާފައިވާ، އަދި އެ ކުޅިވަރު ބައިނަލް އަގްވާމީ ކުޅިވަރަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ގްރޫޕެކެވެ.
ކޮރެއާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 50 އަހަރު ވެފައިވާއިރު ކުރިއަށް އޮތްތަނުގައި އެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ކޮރެއާ އެމްބަސީ އިން ބުނެއެވެ.