ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ތިންވަނަ ސީޒަންގެ ކޯ ސްޕޮންސާ ޕްލަސް އަކަށް ވިލާ ކޮލެޖް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިކްރާމް އަބްދުލް ލަތީފެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އިސް ރެކްޓަރު ޑރ އަލީ ނަޖީބެވެ.

ވިލާ ކޮލެޖަކީ އައިޑަލްގެ ކުރީ ދެ ސީޒަންގެ ވެސް ކޯ ސްޕޮންސާ ޕްލަސްއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއް އިއުލާނުކޮށްފައިވާއިރު މިހާރު އަންނަނީ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރަމުންނެވެ. އެގޮތުން ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. މެއިން ސްޕޮންސަރަކީ އެލައިޑެވެ. ދަތުރުފަތުރުގެ ސްޕޮންސަރަކަށް ހަމަޖެއްސީ މޯލްޑިވިއަން އެވެ.

އައިޑަލްގެ އޮޑިޝަންތައް ބާއްވާނެ ރަށްތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. ރީ ދެ ސީޒަނާ ހިލާފަށް މިފަހަރުގެ ސީޒަންގައި އޮޑިޝަންތައް ކުރިއަށް ގެންދާނީ ތިން ސަރަހައްދެއްގައެވެ. އެއީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.

އައިޑަލްގެ ތިން ވަނަ ސީޒަނުގައި ބައިވެރި ވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އެސްއެމްއެސް ކުރާނެ ގޮތަކީ:-

MI (Space) Name, Age, Current Address, audition location Send to 300

އައިޑަލްގައި ބައިވެރިވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު އުމުރުން 16 އަހަރާ 30 އަހަރާ ދެމެދުގެ ދިވެހިންނަށް ވަނީ ހުޅުވާލައިފައެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މި ފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާއިރު ފިރިހެން ހޯސްޓަކީ މިފަހަރު ވެސް މޫސާ ވަސީމެވެ. މި ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. އަންހެން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމުން ފެންނަ ފަންނާނުން ތަމްރީނުކުރުމުގެ ކަންތަކާ މިފަހަރު ހަވާލުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. ތޭރަވާ ވަނީ އައިޑަލްގެ ސީޒަން އެކެއްގައި ވެސް ކޯޗެއްގެ ރޯލު އަދާކޮށްފައެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓަލް ވިނާ އަކީ ލައިޝާ ޖުނައިދެވެ. ދެ ވަނަ ސީޒަންގައި އައިޑަލްގެ ޓައިޓަލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މެއިން ސްޕޮންސަރަކީ މިފަހަރުވެސް އެލައިޑް އިންޝުއަރެންސް އެވެ. ޓައިޓަލް ސްޕޮންސަރަކީ ކުރީގެ ދެ ސީޒަނެކޭ އެއްގޮތަށް ދިރާގެވެ.