22 Nov 2017, 15:42
ވޮޝިންޓަން(ނޮވެމްބަރު 22): އެގާރަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯޓެއް ފިލިޕީންސް ކަނޑަށް ވެއްޓިއްޖެއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެބޯޓު ވެއްޓުނީ ފިލިޕީންސް ކަނޑުގައި އޮތް އެމެރިކާގެ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ރޮނަލްޑް ރޭގަންއަށް ފަސިންޖަރުންތަކެއް ގެންދަނިކޮށެވެ. އަދި އެމަނަވަރުން މިހާރު ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ބަޔާނުގައިވެއެވެ.
އެބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވި ނަމަވެސް ޖަޕާނުގެ ޑިފެންސް މިނިސްޓަރު އިޓްސުނޮރީ އޮނޮޑެރާ ވަނީ ބޯޓު ވެއްޓުނީ އިންޖީނުގެ މައްސަލައެއްގެ ސަބަބުން ކަމަށް ލަފާ ކުރައްވާފައެވެ.
މީގެ ކުރިންވެސް މިއަހަރު ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ނުރައްކާތެރި އެކްސިޑެންޓުތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން މިދިޔަ ޖޫން މަހު އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ފިޓްޒްޖެރަލްޑް އާގުބޯޓެއްގައި ޖެހި ހަތް މީހަކު މަރުވެފައިވެއެވެ. އަދި އޮގަސްޓު މަހު އެމެރިކާގެ އިތުރު މަނަވަރެއް ޓޭންކަރެއްގައި ޖެހި 10 މީހަކު މަރުވެފައިވެއެވެ. (ބީބީސީ)