ލިއޮނަލް އެންޖެލް ނަމަކަށް ކިޔާ އުމުރުން ހަތް އަހަރުގެ ކުޑަކުއްޖަކު ސްޕޭންގެ ރިއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.

ޗައިނާގެ "ޒިންހުއާ" ބުނީ ރެއާލަށް ސޮއިކުރި ކުޑަ ކުއްޖާއަކީ އާޖެންޓީނާ ކުއްޖެއް ކަމަށެވެ.
އުމުރުން ހަތް އަހަރުގެ ލިއޮނަލް އެންޖެލްގެ ބައްޕަ މިގުއެލް ކޮއިރާ، އިއްޔެ އާޖެންޓީނާގެ ރޭޑިއޯ ސްޓޭޝަނަކަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިފުޅު ރެއާލް މެޑްރިޑަށް ސޮއިކުރުމުން، އެ ކުއްޖާ ހިމެނިފައި ވަނީ ރެއާލްގެ ތާރީޚުގައި ވެސް އެ ޓީމަށް ސޮއިކުރި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގައި ކަމަށެވެ.

"އަހަރެން މިހިރީ ވަރަށް އުފަލުން. އެހާ ޅައުމުރުގެ އެހާ ބޮޑު ކުލަބަކަށް އަހަރެންގެ ދަރިފުޅު ސޮއ ކުރީމަ،" ލިއޮނަލް އެންޖެލްގެ ބައްޕަ މިގުއެލް ކޮއިރާ ބުންޏެވެ.

ކޮއިރާ ބުނީ ފުޓުބޯޅަ އަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ އޭނާގެ ދަރިފުޅަކީ ފުޓުބޯޅައިގެ ހުނަރުވެރިއެއް ކަމަށެވެ. އަދި އުމުރުން ދޮށީ ކުދިންނާ އެކު ކުޅޭ އިރު އެ ކުއްޖާގެ ހުނަރު ފާހަގަކުރެވޭ ކުއްޖެ ކަމަށެވެ ކަމަށެވެ.
"ލިއޮނަލް އެންޖަލް އަކީ ބާސެލޯނާގެ މެސީގެ ވަރަށް ބޮޑު ސަޕޯޓަރެއް. ބާސެލޯނާގެ އެއްވެސް މެޗެއް އޭނާ ނުބަލާ ދޫކޮށްނުލާނެ. އަހަރެންގެ އެހެން ކުއްޖަކުވެސް ބޮޑު ކުލަބަކަށް ކުޅޭ. އެއީ އުމުރުން 16 އަހަރުގެ ކުއްޖެ. އޭނާ ކުޅެނީ ސްޕޭނުގެ ޓީމެއް ކަމަށްވާ ވަލަޑޮލިޑަށް." ކޮއިރާ ބުންޏެވެ.

އުމުރުން ހަތް އަހަރުގެ ލިއޮނަލް އެންޖެލް ސޮއިކުރީ ރެއާލް މެޑްރިޑްގެ ކޮން ލެވެލްއެއްގެ ޓީމެއް ކަމެއް އޭނާގެ ބައްޕަ މިގުއެލް ކޮއިރާ، އަދި ހާމަކޮށްފައި ނުވާއިރު، ރިއާލް މެޑްރިޑުން ވެސް އަދި މިޚަބަރާ ބެހޭ ގޮތުން މީޑިއާގައި ބަހެއް ބުނެފައެއް ނުވެ އެވެ.