22 Nov 2017, 14:15
ހަރާރީ (ނޮވެމްބަރު 22): ޒިމްބާބުވޭގެ ރައީސްކަމުން އިއްޔެ އިސްތިއުފާ ދެއްވި ރޮބަޓް މުގާބޭގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާނީ ކުރީގެ ނައިބު ރައީސް އެމާސަން މަނަންގާގުވާ ކަމަށް އެގައުމުގެ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން ބުނެފި އެވެ.
ޒަނޫ-ޕީއެފް ޕާޓީގެ އިސް މެމްބަރެއް ކަމަށްވާ ލަވްމޯ މަޓޫކޭ އިއްޔެ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މަނަންގާގުވާ ވެރިކަމުގެ ހުވާ ކުރައްވާނެ އެވެ. އަދި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ވެސް އާދިއްތަ ދުވަހު އެޕާޓީގެ ލީޑަރު ކަމަށް އައްޔަންކޮށްފައިވާ މަނަންގާގުވާ ކަމަށް މަޓޫކޭ ވިދާޅުވި އެވެ.
ޒަނޫ-ޕީއެފް ޕާޓީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން މިއަދުގެ ވަގުތެއްގައި މަނަންގާގުވާ ގައުމަށް ވަޑައިގަންނަވާނެ އެވެ. އޭނާ ޒިމްބާބުވޭ ދޫކުރައްވައި ދެކުނު އެފްރިކާއަށް ވަޑައިގެންނެވީ މިމަހުގެ ހަވަނަ ދުވަހު އޭނާ ނައިބު ރައީސް ކަމުން ދުރުކުރި ފަހުންނެވެ.
މަނަންގާގުވާ ނައިބު ރައީސް ކަމުން ދުރުކުރުންވީ ޒިމްބާބުވޭގެ އަސްކަރިއްޔާ އިން ނުރުހުންވި ކަމަކަށެވެ. އޭގެ ސަބަބުން އެގައުމުގެ ސިފައިން ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެނެސް މުގާބޭ ގޭ ބަންދުގައި ބަހައްޓާފަ އެވެ. އަދި އޭގެ ހަފްތާއެއް ފަހުން އިއްޔެ މުގާބޭ ވަނީ ރައީސް ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ 37 އަހަރުވީ ވެރިކަން ނިމުމަކަށް އައިކަން އެނގުމާ އެކު ޒިމްބާބުގެ ގިނަ އަދަދެއްގެ މީހުން ވަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށްފަ އެވެ. (ރޮއިޓާސް)