އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ ޏ. ފުވައްމުލައް، ދަޑިމަގު، ފުއްޓަރު އަހުމަދު ސާލިމް ސައީދެވެ. ރައީސް އޮފީހުން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރީ އިއްޔެ ކަމަށެވެ.

ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު، ރައީސް ޔާމީން އުފެއްދެވީ މިދިޔަ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޑެޕިއުޓީ މިނިސްޓަރަކާ އެއް ފެންވަރެއްގެ އެ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ޕޮލިސީ ލެވެލްގެ މަސައްކަތްތައް ކުރައްވާ ބޭފުޅުން ނެވެ.

އެގޮތުން ސަރުކާރުގެ ނުވަ މިނިސްޓްރީއެއްގައި މިވަގުތު ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި 25 ބޭފުޅަކު އެބަ ތިއްބެވެ.

ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި އެންމެ ގިނަ ބޭފުޅުން ތިއްބެވީ އެޑިއުކޭޝަން މިނިސްޓްރީގައެވެ. އެ މިނިސްޓްރީގައި އެ މަގާމު އަދާ ކުރައްވާ ހަ ބޭފުޅުން ތިއްބަވައެވެ.

އޭގެ އިތުރުން ހައުސިން މިނިސްޓްރީގައި އެ މަގާމުގައި ފުރުއްވާ ހަތަރު ބޭފުޅުން ތިއްބެވިއިރު، ހެލްތު އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިމެނޭގޮތަށް މިއިން ކޮންމެ މިނިސްޓްރީއެއްގައި ތިން ސީނިއާ ޕޮލިސީ އެގްޒެކެޓިވް ބޭފުޅުން އެބަ ތިއްބަވައެވެ.

އަދި ހޯމް މިނިސްޓްރީ، ޖެންޑާ މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީގެ އިތުރުން ޔޫތް މިނިސްޓްރީގައި ދެ ސީނިއާ ޕޮލިސީ އެގްޒެކެޓިވުން ތިއްބަވާއިރު ޑިފެންސް މިނިސްޓްރީގައި އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެންމެ ބޭފުޅެކެވެ.