ގދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެ އަތޮޅު އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހް ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއެކު އަތޮޅުގޭގައި ރޭ ކައުންސިލުން ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމަށްފަހު ކައުންސިލަރުން ނިކުމެވަޑައިގަތް ފަހުން އަތޮޅުގޭގެ ތަޅުދަނޑި ހަވާލު ކުރުމަށް ފުލުހުން އެދުން ކަމަށް ނާސިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ހޯމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެެއްގެ ކޮޕީ ފުލުހުން ރޭ ދެއްކި ކަމަށެވެ.

"ރޭގަނޑު އަތޮޅު އޮފީސް ތަޅުލާފަ ހުރީމަ އަޅުގަނޑުމެން އަތޮޅު ގޭގަ ބައްދަލު ކުރީ. ބައްދަލުވުން ނިންމާފަ ނިކުތް އިރު ފުލުހުންގެ ކާރު އޮތް އަތޮޅުގޭ ބޭރުގަ. އޭގެ ގަޑިއެއް ހައިއިރު ފަހުންއަތޮޅު ކޮމާންޑަރު އަޅުގަނޑަށް ގުޅާފަ ދެންނެވީ ޕޮލިސް ސްޓޭޝަނަށް އައުމަށް. އަޅުގަނޑު ދިޔައީމަ ދެއްކީ ހޯމް މިނިސްޓްރީން އަތޮޅު ކައުންސިލަށް ފޮނުވާފަ އޮތް ސިޓީއެއް. އޭގައި އޮތީ އަތޮޅުގޭގެ ތަޅުދަނޑި ފުލުހުންނާ ހަވާލު ކުރަން،" ނާސިހު ވިދާޅުވިއެވެ.

ނާސިހް ވިދާޅުވީ ކައުންސިލަރުންނާ މަޝްވަރާކުރުމަށްފަހު ތަޅުދަނޑި ހަވާލު ކުރާނެ ކަމަށް ފުލުހުންނަށް ރޭ ދެންނެވި ކަމަށެވެ. އަދި ހެނދުނު އޮފީސް ހުޅުވުމުން ކައުންސިލްގެ ޒިންމާދާރު ވެރިޔާއާ ވާހަކަ ދެއްކުމަށްފަހު އަތޮޅުގޭގެ އިންވެންޓްރީ އެއް ނަގައި އަތޮޅު ގޭގެ ތަޅުދަނޑި ފުލުހުންނާ މިއަދު ހަވާލުކޮށްފައިވާކަމަށް ނާސިހް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން ފުލުހުން ގދ. އަތޮޅުގެ އާ ހަވާލުވެފައިވާ" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.