ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ބޭންޑަކީ ޑިޓިއުންއަށް ވާނެއެވެ. އެ ބޭންޑުން ދާދިފަހުން ވަނީ ބޭންޑުގެ ސަޕޯޓަރުންނަށް ހާޢްސަކޮށް "ޗެލެންޖެއް" ކޮށްފައެވެ.

"ނަށާލާ ކަވާ ޗެލެންޖް"ގެ ނަމުގައި ހުޅުވާލި މި ޗެލެންޖަށް 23 ހުށަހެޅުމެއް ހުށަހެޅިއެވެ. ޖެލެންޖުގައި ކުރަން ޖެހުނު ކަމަކީ އެ ބޭންޑްގެ ލަވަ "ނަށާލާ"ގެ ކަވާއެއް ހުށަހެޅުމެވެ.

މި ޗެލެންޖްގެ އެއްވަނަ ހޯދާފައިވަނީ މިރާހު އަލީއެވެ. އިނާމެއްގެ ގޮތުން ޑިޓިއުންގެ "ވަން ޑައުން" އަލްބަމްގެ ސައިންޑް ކޮޕީއެއް އޭނާ އަށް ލިބޭނެއެވެ. އަދި މާލޭގައި ބާއްވާ ޑިޓިއުންގެ ގިގް އެއްގައި ބޭންޑާއެކު ލަވަ ކިއުމުގެ ފުރުސަތު އޭނާ އަށް ދޭނެއެވެ.

މި ޗެލެންޖުގައި ރާއްޖޭގެ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުންވެސް ބައިވެރިވެފައިވެއެވެ. ޗެލެންޖުގެ ދެވަނަ ލިބުނީ ބޮޑުބެރު ބޭންޑް 1438 ގެ ސްކޯލިއޯ އަށެވެ. މި ބޭންޑަށްވެސް އިނާމެއްގެ ގޮތުން ޑިޓިއުންގެ "ވަން ޑައުން" އަލްބަމްގެ ސައިންޑް ކޮޕީއެއް ލިބޭނެއެވެ. އަދި ބޭންޑާއެކު ޕާފޯމް ކުރުމުގެ ފުރުސަތު ދޭނެއެވެ.

ނަށާލާ ޗެލެންޖްގެ ތިން ވަނަ ލިބުނީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި އިބްރާހިމް އަމަން އަދި އޭނާގެ ބޭންޑަށެވެ. މި ބޭންޑަށްވެސް އިނާމެއްގެ ގޮތުން ޑިޓިއުންގެ "ވަން ޑައުން" އަލްބަމްގެ ސައިންޑް ކޮޕީއެއް ލިބޭނެއެވެ.

ޑިޓިއުން އަކީ ފަހަކަށް އައިސް މަގްބޫލު ލަވަތަކެއް، ވީޑިއޯ އާއެކު ނެރެމުން އަންނަ ބޭންޑެކެވެ، އެ ބޭންޑުން އަންނަނީ "ކޯންޗެއްބާ؟" ގެ ނަމުގައި އާ ޕްރޮޖެކްޓެއްވެސް ޕްރޮމޯޓް ކުރަމުންނެވެ.